ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާ ސަރުކާރުގެ ކެބިނެޓުގައި ހުހަށް ހުރި މަގާމުތަކަށް ވަޒީރުން އައްޔަން ކުރުމާމެދު އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ޑރ. ޑީޑީއަށް ވެސް ވަޒީރުކަމަށް ވަޑައިގަތުމުގެ ދޮރު ހުޅުވިފައިވާ ކަމަށާއި އަދި އެ ޕާޓީގައި ތިއްބެވި ގާބިލް ބޭފުޅުން ވަޒީރުކަމަށް ގެނައުމުގެ ފުރުސަތު ވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޑރ. ޑީޑީއަށް ލިބުގެންވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ ނުރަސްމީކޮށް ޑރ. ޑީޑީއާމެދު ސަރުކާރުން މަޝްވަރާތަކެއް ކުރި ކަމުގައި ވިޔަސް "މާހައުލު ފިނިވުމުން" ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އެމްޑީޕީގެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގައި ތިއްބެވި ގާބިލް ބޭފުޅުން ވަޒީރުކަމަށް ގެންނެވުމަށް ޑރ. ޑީޑީއަށް މަސައްކަތްޕުޅު ކުރެއްވޭނެ. އެ ޕާޓީގެ އަސާސީ ގަވާއިދުން އެބާރުތައް ޑރ. ޑީޑީއަށް ލިބިދޭ. އަދި ޑީޑީއަށް ވެސް [ކެބިނެޓަށް އައުމުގެ] ފުރުސަތު އެބައޮތް." އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީޑީއާ ސަރުކާރުން މަޝްވަރާ ކުރަމުން އަންނައިރު އެމަނިކުފާނުގެ ފަރާތުން ރަނގަޅު އިޝާރާތެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ތެރޭގައި ކެބިނެޓުގައި ހުހަށް އޮތް ތިން މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށެވެ.

ރައީސް ވަހީދު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެމްޑީޕީން ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ ޕާޓީގައި ތިއްބެވި ގާބިލް ބޭފުޅުން ކެބިނެޓަށް ވަޑައިގަންނަވަން ބޭނުންފުޅުނަމަ އިތުރު ވުޒާރާތަކެއް އުފައްދަވައި ވަޒީރުން އިތުރު ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ފަރާތުން އެކަމަށް އިޝާރާތެއް ނުދޭތީ ރައީސް ވަހީދު އެކަމުގައި އަމަލީ ފިޔަވަޅު އަޅުއްވާފައެއް ނުވެ އެވެ.