ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޕްރީތީ ޒިންތާއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

މީސްމީޑިއާގައި އޭނާގެ ފިރިމީހާ ޖީންއާއެކު ފޮޓޯއެއް ހިއްސާކުރުމަށްފަހު އެ ޚަބަރު އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ގޮތަށް ދީފައިވާއިރު ޕްރީތީ ވަނީ އޭނާގެ އާއިލާއަށް އިތުރުވި ކުޑަކުޑަ ޖައީއަށާއި ގިއާއަށް މަރުހަބާކިޔާފައެވެ. އަދި އޭނާ ބުނެފައިވަނީ އޭނާއާއި ޖީން ތިބީ ވަރަށް އުފަލުން ކަމަށާއި ދިރިއުޅުމުގެ އާ ބާބެއް ފެށި އެކަމަށް ތައްޔާރުވެފައިވާކަމަށެވެ.

ޕްރީތީއަށް އެއްމާބަނޑު ދެކުދިން ލިބިފައިވަނީ ސަރޮގޭޝަން ހަދައިގެންނެވެ. އަދި އެކަމުގައި ކުރެވުނު މަސައްކަތްތަކަށާއި ވީ ގުރުބާނީތަކަށް އޭނާވަނީ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި ސަރޮގޭޓް ކޮށްދިން ފަރާތަށް އޭނާގެ ދިރިއުޅުމަށް ގެނެސް އުފާވެރި ބަދަލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

View this post on Instagram

A post shared by Preity G Zinta (@realpz)

އަދި އުފާވެރި ޚަބަރާއެކު ޕްރީތީ ކުރި ޕޯސްޓަށް ބޮލީވުޑްގެ ގިނަ ފިލްމީތަރިންނާއި އޭނާގެ ފޭނުން ވަނީ ތަހުނިޔާ ކިޔައިފައެވެ. އޭގެތެރޭގައި ޕްރިތީގެ ގާތް އެކުވެރިޔާ ނަރްގިސް ފަޚުރީއާއި ޝިލްޕާ ޝެޓީއާއި ލޫލިއާ ވަންތޫރާއި ރާކުލް ޕްރީތް ސިންގް ހިމެނެއެވެ. ފާއިތުވި އަހަރުގެ ފެބްރިއަރީމަހު ޝިލްޕާ ޝެޓީވެސް ވަނީ ސަރޮގޭޝަންގެ ޒަރީއާއިން ކުއްޖަކު ހޯދައިފައެެވެ.

ޕްރީތީ ވަނީ އޭނާގެ ކައިވެންޏަށްފަހު ފިލްމީ ދާއިރާއާ ދުރުވެފައެވެ. ނަމަވެސް އޭނާ ދަނީ މީސްމީޑިއާގައި އޭނާގެ ފޭނުންނަށް ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހިއްސާކުރަމުންނެވެ. އާއިލާއާއި އެކުވެރިންގެ ފޮޓޯތަކާއި ވީޑިއޯތަކާއި އޭނާގެ ތަފާތު ހިތްގައިމު ފޮޓޯތައްވެސް ފޭނުންނާ އޭނާ ދަނީ ހިއްސާކުރަމުންނެވެ.

ޕްރީތީ ބޮލީވުޑްގައި ހަރާކާތްތެރިވާންފެށިތާ މި އަހަރު އޮގަސްޓު މަހަށް 23 އަހަރު ފުރިފައިވާއިރު، އޭނާވަނީ މީސްމީޑިއާގައި ބޮލީވުޑްގައި އޭނާ މަސައްކަތްކުރި ދުވަސްވަރު ހަނދާން އާ ކޮށްފައެވެ. އަދި އެދުވަހު އޭނާވަނީ ފިލްމީދާއިރާގައި އޭނާ ހަރަކާތްތެރިވިއިރު އެކަމުން ކުރިއަށް ދިއުމަށް އެހީތެރިވި މީހުންނަށާއި އެކުގައި މަސައްކަތްކުރި މީހުންނަށައި އެކަމުގައި ކުރިއަށް ދިއުމަށް އޭނާގެ ހިތްވަރު ނެތުނު އިރު ހިތްވަރުދިން މީހުންނަށް ޝުކުރުއަދާކޮށްފައެވެ.