އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް އިތުރު 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން 2022 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ.

ބަޖެޓު ކޮމިޓީގެ މިރޭގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައިވަނީ ލަފާކޮށް ފިނޭންސުން ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބެލުމަށްފައެވެ. މި އާމްދަނީ ލިބޭނެ ކަމަށް ނިންމައިފައިވަނީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ބަޖެޓަށް އިތުރުކުރި 73.8 މިލިއަން ރުފިޔާއަކީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އިތުރުކުރަން 73،782 ރުފިޔާއާއި ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާގެ އިތުރުން ހަތް މިނިވަން މުވައްސަސާއެއްގެ ބަޖެޓެވެ.

ބަޖެޓު ބޮޑުކުރަން ނިންމައިފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން ފަސް ލައްކަ ރުފިޔާއާއި ސިވިލް ކޮމިޝަނަށް 1.69 މިލިއަން ރުފިޔާއާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް މުވައްޒަފުން ނަގަން 2.2 މިލިއަން ރުފިޔާގެ އިތުރުން އޭސީސީއަށް އިތުރު މުވައްޒަފުން ނަގަން 3.9 މިލިއަން ރުފިޔާއެވެ.

ހަމައެހެންމެ އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް 204،000 ރުފިޔާގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މުވައްޒަފުން ނަގަން 865،636 ރުފިޔާ ހިމެނެއެވެ.