އާބާދީ މަދު ރަށްރަށުގެ ސުކޫލުތަކުގައި، އަންނަ ޓާމުން ފެށިގެން ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭން ފަށަން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ 2019 ވަނަ އަހަރު ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރުމަށް ބޭއްވި ޓޮޕް އެޗީވާސް އެވޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި މުޅިން އައު ކަމެއް ތައުލީމީ ދާއިރާއަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސެޓެލައިޓު މަފްހޫމްގެ ދަށުން ކިޔަވައިދޭން ނިންމައިފައިވާ ކަން ރައީސް އިއުލާނުކުރެއްވިއެވެ.

"ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވުމުން، ސުކޫލު ނެތް ތިން ރަށެއްގައި މި އަހަރުގެ ދެވަނަ ޓާމްގައި މި ޕްރޮގްރާމް ފެށޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ބ. ފެހެންދޫއާއި ވ. ތިނަދޫއާއި އެ އަތޮޅުގެ ރަކީދޫއެވެ. މި ތިން ރަށުގެ ދަރިވަރުން ވެސް މިހާރު ތައުލީމު ހާސިލުކުރަމުން އަންނަނީ ކައިރި ރަށްރަށަށް ދަތުރުކޮށްގެންނެވެ.

ސެޓެލައިޓު މެދުވެރިކޮށް މި ކުދިންނަށް ކިޔަވައިދޭން ފެށުމުން، ދަރިވަރުން ފެރީގައި އެހެން ރަށަކަށް ދިއުމަށް އުފުލާ ބުރަ ފިލައިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމްކޮށްފައި ހުންނަ ސެޓެލައިޓު ހަބުގައި ތިއްބަވާ ޓީޗަރުންނެވެ.

"މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުން، ގައުމު ތަރައްގީކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭނެފަދަ އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކަން ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ހަމައެހެންމެ ސާނަވީ އިމްތިހާނުތަކުން މަތީ ނަތީޖާ ހާސިލުކުރި ދަރިވަރުންނަކީ ގައުމަށް ހިދުމަތް ކުރާނޭ ދަރިވަރުން ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.