04 Mar 2012, 14:57
ގދ. ގައްދޫން ގޯއްޗަކަށް އެދި ފޯމް ހުށަހެޅި މީހެއްގެ ޝަރުތު ހަމަވޭތޯ ބެލި، އެ ރަށު ކައުންސިލުންނާއި ގޯތި ކޮމިޓީން މާކްސްދިން ގޮތާ މެދު ހިތް ހަމަ ނުޖެހިގެން، މާކްސްދީފައިވާ ގޮތް ސާފުކޮށްދިނުމަށް އެދި ރަށު ކައުންސިލަށް މީހަކު ސިޓީއެއް ފޮނުވައިފި އެވެ.
ގައްދޫ ބެންހާގެ އަބްދުﷲ ޞާދިގު، ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރިފާއުއަށް އެޑްރެސްކޮށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އަކީ ފަސް ދަރިންނާއި އަންބަކު ގޮވައިގެން ފާއިތުވި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ގައްދޫގެ ރައްޔިތެއް ކަމަށާއި މައިންބަފައިންގެ ގޯތީގައި ވެސް އާއިލާ ގޮވައިގެން އުޅެވޭނެ ގޮތް ވެފައިނުވާ ކަމަށެވެ.
ދެ ހާސް ދިހަ ވަނަ އަހަރު ގައްދޫން ގޯތި ދޫކުރަން އިޢުލާން ކުރުމުން، ފޯމް ހުށަހެޅި 306 މީހުންގެ ތެރޭގައި ޝާދިގު ނަން ހިމެނޭ އިރު ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ވެސް އޭނާގެ ނަން ހިމެނެ އެވެ.
ނަމަވެސް ރަށު ކައުންސިލަށް ޝާދިގު އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް ދިރާސާ ކުރުމަށް ރަށު ކައުންސިލުން ކަނޑައަޅާފައިވާ ކޮމިޓީން އެ ފޯމްތައް ބެލުމަށް ފަހު، ގޯތީގެ ދަތިކަން މިވަގުތު އެންމެ ބޮޑަށް އިހްސާސް ކުރާ މީހުންގެ ގިންތީގެ ތެރޭގައި އޭނާ ނަން ހިމެނޭ ކަމަށް ކަނޑައަޅައި އޭނާ އަށް 81 ޕޮއިންޓް ދީފައިވާ ކަމަށެވެ.
ނަމަވެސް ދެވަނަ ފަހަރަށް ކައުންސިލުން އެކުލަވާލި ލިސްޓެއްގައި އޭނާ އަށް ލިބިފައި ވަނީ 75 ޕޮއިންޓް ކަމަށް އޮވެފައި، މިމަހުގެ ދެ ވަނަ ދުވަހު ކައުންސިލުން އާއްމުކޮށް، ނޯޓިސް ބޯޑުގައި ހަރުކުރި ތިން ވަނަ ލިސްޓުގައި އޭނާއަށް ލިބިފައި ވަނީ 70 ޕޮއިންޓް ކަމަށް ބުނެފައި ވާތީ އެކަންތައްތައް ހިނގައި ދިޔަ ގޮތް ބަލައި ދިނުމަށް ވެސް އެސިޓީގައި އެދިފައިވެ އެވެ.
ރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރިފާއު މިއަދު ވިދާޅުވީ މާކްސް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަށް ބަލާއިރު މަންމަ ބަލާ ނަމަ ފޯމް ހުށަހަޅާ މީހާ އަށް އަށް ޕޮއިންޓް ލިބޭނެ ކަމަށް ބުނެފައިވާ އިރު އެމާކްސް ލިބެނީ އެމީހަކު އުޅޭ ތަނަކަށް މަންމަ ގެންގޮސްގެން ބަލާ ނަމަ ކަމަށާއި ފަސްދަރިން ބަލަމުން ގެންދަނީ އޭނާ ކަމަށް ބުނެފައިވާ އިރު އެކުދިންގެ ތެރެއިން ދެ ކުއްޖަކު ތިބެނީ އެ ކުދިންގެ މަންމަ ކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިފާއު އަދި ވިދާޅުވީ އެކަންތައްތައް ހިނގައި ދިޔަ ގޮތުގެ ތަފްސީލް އޭނާ އަށް ހާމަކޮށްދިނުމަށް ތިން ފަހަރެއްގެ މަތިން އޮފީހުން އެންގި ނަމަވެސް އޭނާ އޮފީހަށް ހާޒިރުވެފައިނުވާ ކަމަށެވެ.
"މާކްސް ދިނުމުގައި ކޮމިޓީން ބެލި ކަންތައްތަކާއި މައުލޫމާތު ސައްހަ ނޫން ބައިތަކުން މާކްސް މަދުކުރެވިފައި ހުރީ. އެންމެ ފުރަތަމަ ފަހަރު އާއްމުކުރި މާކްސްތަކަކީ އެމީހާ ބުނާ އެއްޗެއްގެ މައްޗަށް ދެވޭ މާކްސްއެއް. ދެން ފައިނަލް ލިސްޓް އާއްމުކުރީ ތިން ވަނަ ފަހަރު. އެކަން ވާނީ ކުރިން ވެސް ބުނެފައި،" ރިފާއު ވިދާޅުވި އެވެ.
ޝާދިގު ބުނީ ޕޮއިންޓް ދިނުމަށް ފަހު އުނިކުރި އިރު، ދަރިން އެހެން މީހަކު ކައިރީގައި ހުރީ ކޮން ސަބަބަކާ ހުރެތޯ ކައުންސިލުން ބަލާފައިނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ ރަށު އޮފީހަށް ހާޒިރުނުވީ ރަށު ކައުންސިލުން ރަސްމީ ސިފައެއްގައި އެކަން އަންގާފައި ނުވާތީ ކަމަށެވެ.
"މަންމަގެ ބައިން ޕޮއިންޓް މަދުކުރީ މައްސަލައެއް ނެތް. އެކަމަކު ދަރިންގެ ބައިން އުނިކޮށްގެން ނުވާނެ. 11 އަހަރު ވެއްޖެ އެއްތަނުން އަނެއް ތަނުން އުޅޭތާ. އަމިއްލަ ގެދޮރު ހުރި ނަމަ ދަރިން ތިބޭނީ އަޅުގަނޑުގެ ކައިރީގައި،" ޞާދިގު ވިދާޅުވި އެވެ.
ގައްދޫ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ހަތް ފަރާތަކަށް ގުރުއަތަކާއި ނުލާ ގޯތި ހަވާލުކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި އޭގެތެރެއިން 65-71 ދޭތެރޭގެ އަދަކަށް ޕޮއިންޓް ލިބުނު މީހުންނަކީ ޝަރުތު ހަމަވެގެން ގުރުއަށް ގޮސްފައިވާ މީހުންނެވެ.