18 Nov 2021, 21:25
މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސިއްހީ ދާއިރާގައި ހުޅުވިފައިހުރި ކޮރަޕްޝަންގެ ދޮރުތައް ބަންދުކޮށްފައިވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ އެ ބޭފުޅާ މިނިސްޓަރު ކަމަށް ވަޑައިގެންނެވިއިރު، ދާއިރާގައި ކޮރަޕްޝަންގެ އަޑު އޮތީ ވަރަށް ގަދަވެފައި ކަމަށެވެ.
އެހެންކަމުން މަގާމާ ހަވާލުވުމަށްފަހު، އެންމެ އިސްކަމެއް ދެއްކީ އެކަން ހައްލު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ވެސް އެ ވާހަކަ [ކޮރަޕްޝަންގެ ވާހަކަ] ދައްކާނެ، އެހެންނަމަވެސް އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުން ވަނީ އަޅުގަނޑަށް އެނގިގެން މި ކޮރަޕްޝަންގެ ކަންތައްތަކަށް ހުޅުވިފައި ހުރި ދޮރުތައް އަޅުގަނޑު ހުންނާނީ ބަންދުކޮށްފައޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއިން އަލަށް ފެންނަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވާ އެއް މައްސަލައަކީ ހެލްތް މިނިސްޓްރީއާއި ބައެއް ކުންފުނިތަކާ އޮންނަ ގުޅުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ މައްސަލަ ވެސް މިހާރު ބަލައިފައިވާއިރު، ކަމުގެ ރޫޓް ކޯސް ދެނެގަނެވިފައިވާ ކަމަށާއި އެއީ އެފީޝިއެންސީ ނުވަތަ ހިދުމަތް ލިބޭ ސްޕީޑު ދަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެފީޝިއެންސީ ދަށް ވީމާ މަގެއް ހުޅުވެނީ ކޮރަޕްޝަނަށް، އެހެންވީމާ ތަން އެފީޝިއެންޓު ކުރަން ޖެހެނީ، ހިންގުން ރަނގަޅު ކުރަން ޖެހެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ކަން ކުރެވޭނޭ ގޮތުގެ ދިރާސާއެއް ހެލްތް މިނިސްޓްރީން ހަދައިފައިވާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއަށް ބަލައި، ހިންގުން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
"ހިންގުން ރަނގަޅު ކުރެވުނީމާ ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ، އެއީ ކޮރަޕްޓު މީހުން ހަދާ ގޮތަކީ ތަނެއް ހިންގުން ހަރާބު ކުރަނީ، ހަރާބު ކުރީމާ އެ ކޮރަޕްޝަނަށް މަގު ފަހި ވަނީ، އެއީ ބަރާބަރަށް ހިނގާ ތަނެއްގައި، އެފީޝިއެންޓުކޮށް ހިނގާތަނެއްގައި ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހެލްތް މިނިސްޓްރީގެ އަމާޒަކީ ތަނުގެ ހިންގުން ރަނގަޅަށް ހަރުދަނާކޮށް، ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމަށް ޖާގަނުދިނުން ކަމަށެވެ.
"ދާއިރާގެ ބޮޑުކަމުން އަޅުގަނޑުމެން ވަރަށް ގިނަ ދިމަދިމާއަށް ބަލަން އެބަ ޖެހޭ އެނގޭތޯ، ގާތްގަނޑަކަށް އަށެއްކަ ނުވަތަ ނުވަ ހާސް ސިވިލް ސާވަންޓުން އެބައުޅޭ އަޅުގަނޑުމެންގެ ތެރޭގައި، އަނެއްކާ ޕޮލިޓިކަލް މީހުން ވެސް އެހާ ގިނަ،" މިނިސްޓަރު ވިދާޅުވިއެވެ.
މުވައްޒަފުން ގިނަ ނަމަވެސް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކޮށްގެން ތަނަކީ އެފީޝިއެންޓު ތަނަކަށް ހަދައި، ކޮރަޕްޝަނުން މިންޖުވެފައިވާ ތަނަކަށް ހެދޭނެ ކަަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި މިހާތަނަށް ހިނގައިފައިވާ އެންމެ ބޮޑު ކޮރަޕްޝަން ހިނގައިފައިވަނީ ކޮވިޑް ދުވަސްވަރު، ހެލްތް މިނިސްޓްރީގެ ތެރޭގައެވެ.
ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް މުވައްޒަފުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ.