18 Nov 2021, 22:52
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާއި ދުނިޔޭގެ ފާހަނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ފެން ބިލްޑިންގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
އާންމު ގޮތެއްގައި އެމްޑަބްލިޔޫއެސްސީއަކީ ފިރިހެން މުވައްޒަފުންގެ އާބާދީ ބޮޑު ކުންފުންޏަކަށް ވެފައި، ދުވަހެއް ދުވަހަކަށް އެ ކުންފުންޏާއި އަންހެން މުވައްޒަފުންވެސް ގުޅެމުން އަންނާތީ ދެޖިންސުގެ މުވައްޒަފުންނަށްވެސް ރައްކާތެރި އަދި ހަމަހަމަ މާހައުލެއް ގާއިމް ކުރުމަށް އެމްޑަބްލިޔުއެސްސީއިން މަސައްކަތް ކުރާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް އަދި ފާހަނަ ދުވަސް ފާހަގަ ކުރުމަށް އެމްޑަބްލިއުއެސްސީ އިން ބޭއްވި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ / އަހުމަދު އައިމަން އަލީ
"މިއަހަރުގެ ފިރިހެނުން ދުވަހުގެ ޝިއާރަކީ 'ބެޓާ ރިލޭޝަންސް ބިޓުވީން މެން އެންޑް ވިމެން. މިއަދު ފިރިހެނުންނާ އެއް ސަފެއްގައި އަންހެނުން އަންނަނީ ސާބިތުވަމުން. މި ކުންފުންޏަކީ އަންހެނުންނާ ފިރިހެނުންގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކުންފުންޏެއް. އެގޮތުން، މުވައްޒަފުންނަށް ޖިމްގެ ހިދުމަތް އަންނަނީ ދެމުން. އަދި ދެ ޖިންސުގެ މުވައްޒަފުންގެ މެދުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅުމުގެ އިތުރުން ޓްރެއިނިން ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަމުން،" އޭނާ ވިދާޅުވިއެވެ.
ޖިސްމާނީ ދުޅަހެޔޮ ކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަކީވެސް އެ ކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ނޮވެމްބަރު މަހަކީ ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރި ކުރާ މަސް ކަމުން އެ ހަފްލާގައި ތިބާ ސައިކޮލޮޖީގެ ފަރާތުން އެ ސައިކޮލޮޖީގެ ކޯ ފައުންޑަރު ޑރ. މުސްތަފާ ފާރޫގު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
"ފިރިހެނުންނަކީ އާންމުކޮށް އެމީހުންގެ އިހުސާސްތައް ފޮރުވާ ބައެއް. އެހެންކަމުން، ވަރަށް މުހިންމު އެނގުން ނަފްސާނީ ދުޅަހެޔޮ ކަމާ ނަފްސާނީ ބަލިމަޑުކަމަކީ ވަކި ދޭއްޗެއް ކަން. ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނަމަ ބައެއް ފަހަރު އެ ބަދަލުވޭ އެކަމަށް ސަމާލު ނުވެ ވިއްޖެނަމަ ނަފްސާނީ ބަލިމަޑު ކަމަކަށް،" މުސްތަފާ ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ މުހިންމު ކަމަކީ ނިދުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"ކޮންމެ މީހަކުވެސް އެބަ ޖެހޭ 8 ގަޑިއިރު ނިދަން. ތިމާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކޮށްފިނަމަ އެންމެ ފުރަތަމަވެސް ބަދަލުވާނީ ތިމާގެ ނިދި. ރަނގަޅަށް ނިދި ނުލިބުމާއި ނިދަން އުނދަގޫވުން ފަދަ ކަންކަމާ ދިމާވާނެ. އެހެންވީމަ އަދި ހާއްސަކޮށް މި ކުންފުނީގެ މުވައްޒަފުންހެން ޝިފްޓް ޑިއުޓީ ނަގާ މުވައްޒަފުން ވިސްނުންތެރިކަމާއި އެކު ނިންޖަށް ސަމާލުވާން ޖެހޭ،" މުސްތަފާ ވިދާޅުވިއެވެ.

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑަރު ޑރ. މުސްތަފާ ފާރޫގު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ / އަހުމަދު އައިމަން އަލީ
މީގެ އިތުރުން، މި ހަފްލާގައި އެމްޑަބްލިއުއެސްސީގެ ފިރިހެން މުވައްޒަފުންގެ މެދުގައި ވަނީ ލަކީޑްރޯ އެއް ކުރިއަށް ގެންގޮސް ނަސީބުވެރި 10 މުވައްޒަފަކު ހޮވާފައެވެ. އަދި އެމްޑަބްލިއުއެސްއީގެ ފުޓުބޯޅަ ޓީމުގެ ޖާޒީވެސް ވަނީ ކުޅުންތެރިންނާ ހަވާލު ކޮށްފައެވެ. ހަމައެހެންމެ އެ ކުންފުނިން ކުރަމުން އަންނަ ބައެއް މަސައްކަތްތައް ދައްކުވައިދޭ ކުރު ފިލްމް "ނަޒީމް ގެ ވާހަކަ" ކިޔާ ކުރު ފިލްމްވެސް ވަނީ ދައްކާލައިފައެވެ.