އަހަރުގެ މި ދުވަސްވަރާ ދިމާކޮށް އަންނަ ޕީކް ސީޒަން ނުވަތަ ވިންޓާ ސީޒަނާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތައް މެނޭޖުކުުރުމަށް, އެ ކަންކުރާނެ ގޮތް އަންގައި ނެރެމުން އަންނަ ސާކިއުލާގެ ސަބަބުން އެއްވެސް އެއާލައިނެއްގެ ޝެޑިއުލް ފްލައިޓެއް ކެންސަލްކުރަން ޖެހޭ ހާލަތެއް އައިސްފައިނުވާކަމަަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ނެރުނު ސާކިއުލާއަކާ ގުޅިގެން ފްލައިޓެއް ކެންސަލްކުރަން ޖެހޭކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައި އޮތް ޚަބަރަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން 2018ވަނަ އަހަރުން ފެށިގެން އެ ސާކިއުލާ ނެރެމުން އަންނަކަމަށެވެ. އަދި އެއީ ޕީކް ސީޒަނުގައި އެއާލައިންތަކަށް ތައްޔާރުވާނެ ގޮތް އަންގައިދިނުމުގެ ބޭނުމުގައި ނެރޭ ސާކިއުލާއެއް ކަމަށް ބުންޏެވެ.

ފްލައިޓު ކެންސަލް ކުރަން ޖެހިފައިވާ ކަމަަށް ބުނެ ރިޕޯޓު ކޮށްފައިވަނީ ސްވިޓްޒަލޭންޑުގެ މީޑިއާއަކުންނެވެ. އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއޭސީއެލްގެ ސާކިއުލާގެ ސަބަބުން އެ ގައުމުގެ އެއާލައިނެއް ކަމަށްވާ އެޑަލްވެއިސްއިން ރާއްޖެއަށް ކުރާ ބައެއް ދަތުރުތައް ކެންސަލްކުރަން ވަނީ ޖެހިފައެވެ.

އެހެންނަމަވެސް އެމްއޭސީއެލުން އެ ކަން ސާފުކޮށްދިނުމަށް ނެރުނު ބަޔާނުގައި ބުނީ އެއާލައިންތަކަށް ޖާގަ ހަމަޖައްސަނީ ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުންކަމަށެވެ.

"ނަމަވެސް މިހާތަނަށް އެއާޕޯޓުން ހުރިހާ އެއާލައިނަކަށް ވެސް ސްލޮޓް ހަމަޖައްސައިފައިވަނީ ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުން އެކަމަށް ހުށަހެޅުމުންނެވެ. ކޮވިޑްގެ ކުރިން އެޑަލްވެއިސްއިން ދަތުރުކުރަމުން ގޮސްފައިވަނީ ބުރާސްފަތި، ހުކުރު، އަދި ހޮނިހިރުގައި ދަތުރުތައް ރާވައިގެންނެވެ. ނަމަވެސް ކޮވިޑު ތެރޭގައި އެ އެއާލައިނުންވަނީ ބުރާސްފަތި އަދި ހުކުރުގެ ދެ ފްލައިޓު ވެސް ކެންސަލްކޮށްފައެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ބުންޏެވެ.

އެއާއެކު އެ ކުންފުނިން ބުނީ އެ އެއާލައިނުން އަލުން އިތުރު ފްލައިޓުތަކެއް އޮޕަރޭޓްކުރަން އެދުމާއެކު އެކަމާ މަޝްވަރާކޮށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަފްތާއަކު ތިން ދުވަހު ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ.

އެމްއޭސީއެލުން ބުނީ އެއްވެސް އެއާލައިނަކަށް ދީފައިވާ ސްލޮޓް އެ އެއާލައިނަކުން ކެންސަލް ނުކުރާހާ ހިނދަކު އެހެން އެއާލައިނަކަށް ނުދޭނެ ކަމަށެވެ. އަދި އިތުރު ޖާގައަަށް އެދޭ އެއާލައިންތަކަށް ކެޕޭސިޓީ އޮތް މިންވަރަަކުން އެ ފުރުސަތު ދޭނެކަމަށެވެ.

އެއާއެކު އެއްވެސް އެއާލައިނެއް ތަފާތުކުރުމެއް ނެތި ރައްކާތެރިކަމާއެކު ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒުކަމަށެވެ.