18 Nov 2021, 18:01
ނިޔުޔޯކް (18 ނޮވެމްބަރު) : އައިއެސް ޖަމާއަތުގެ ވުޖޫދު އަފްޣާނިސްތާނުން ފުހެލުމަށްޓަކައި ތާލިބާން ސަރުކާރުން ގެންދަނީ ފެނުނު ކޮންމެ ތަނަކުން އައިއެސްގެ ޓެރަރިސްޓުންގެ ގަޔަށް ބަޑިޖަހައި އެމީހުން މަރަމުންކަމަށާ މިއީ ވަރަށް އަނިޔާވެރި ގޮތެއް ކަމަށް އދ. ން ސިފަކޮށްފިއެވެ.
އދ. ން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޑެބްރާ ލަޔަންސް ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތާލިބާން ސަރުކާރުން އައިއެސްގެ ޓެރަރިސްޓުން މަރަނީ ޝަރީއަތަކާނުލައި ޖެހުނު ކޮންމެތަނަކުން އެމީހުންގެ ގަޔަށް ބަޑިޖަހައިގެން ނޫނީ އެމީހުން ވަގުތުން ދަންޖައްސައިގެން ކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ.
ތާލިބާން ސަރުކާރުން މިހާ ހަރުކަށި ގޮތަކަށް އައިއެސްގެ ޓެރަރިސްޓުންނާމެދު އަމަލުކުރަނީ އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގެ މިސްކިތްތަކުގައި ބޮންގޮއްވައި ނަމާދުކުރާމީހުން މެރުމުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގަން ފަށާފައިވާތީއާއި އައިއެސްގެ ހަރުކަށި ފިކުރު އަފްޣާން ޒުވާނުންގެ މެދުގައި ފަތުރަން އެޖަމާއަތުން މަސައްކަތްކުރާތީ ކަމަށް ބެލެވޭކަމަށް އދ. ގެ މަންދޫބު ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަނިކޮށް އައިއެސް ގެ ޓެރަރިސްޓުން ހަމަލާދިނުމުން އެތަށް ބަޔަކު މަރުވެ މިސްކިތް ހަލާކުވެފައި
ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްޣާނިސްތާނު ދިޔުމާއެކު އައިއެސް ޖަމާއަތުންވަނީ އެޖަމާއަތުން އަފްޣާނިސްތާނުގައި ހިންގާ ބޮންގޮއްވުމާއި މީހުން މެރުމުގެ ޓެރަރިސްޓް އޮޕަރޭޝަންތައް އާދަޔާ ޚިލާފަށް އިތުރުކޮށްފައެވެ. މިގޮތުން ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްޣާނިސްތާން ދިޔަފަހުން މިވީ 3 މަސްތެރޭގައި އަފްޣާނިސްތާނުގެ 5 މިސްކިތެއްގައި ހުކުރު ނަމާދުކުރަން މީހުން ތިއްބައި އައިއެސްގެ ޓެރަރިސްޓުން ބޮންގޮއްވައި އެތަށް ސަތޭކަ މުސްލިމުން މަރާލާފައިވެއެވެ.
ތާލިބާން ސަރުކާރުގެ މީޑިއާގައި އައިއެސް ގެ ޓެރަރިސްޓުން ސިފަކުރަނީ ބިމުގައި ފަސާދަކުރާ މުފްސިދުންގެ ގޮތުގައެވެ. މާތްﷲ އާއި އެކަލާންގެ ރަސޫލާ އާ ދެކޮޅަށް ހަނގުރާމަކުރާ މުޖްރިމުންގެ ގޮތުގައެވެ. މިފަދަ މީހުންގެ މަރަންޖެހޭނެކަމާއި ނޫނީ އެމީހުންގެ އަތްފައި އެކިމިންވަރަށް ބުރިކުރަންޖެހޭނެ ކަމަށް ތާލިބާން ސަރުކާރަށް ނިސްބަތްވާ ދީނީ އިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ.
އދ. ގެ މަންދޫބު ޑެބްރާ ލަޔަންސް ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވި ގޮތުގައި އައިއެސްގެ ޓެރަރިސްޓުން އަފްޣާނިސްތާނުގެ ވަރަށް ގިނަ ޕްރޮވިންސްތަކަށް މިހާރުވަނީ ފެތުރިފައެވެ. މިއީ އަފްޣާން ރައްޔިތުންނަށާއި އެގައުމުގެ އަމަނާއި ސަލާމަތަށްކުރި ވަރަށް ބޮޑު ނުރައްކަލެއްކަމާ އަދި އައިއެސްގެ ޓެރަރިސްޓުންގެ ހާއްޔަކަށް އަފްޣާނިސްތާން ވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް އދ. ގެ މަންދޫބު ދެއްވިއެވެ.
އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުންވަނީ ލަސްތަކެއްނުވެ އެގައުމުން އައިއެސްގެ ވުޖޫދު ފުހެލެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފައެވެ. އަދި އައިއެސްގެ ވުޖޫދު އަފްޣާނިސްތާނުގައި އެހާ ބޮޑުކަމަކަށް ތާލިބާން ސަރުކާރުން ގަބޫލެއްވެސް ނުކުރެއެވެ.
ތާލިބާން ސަރުކާރުން ގެންދަނީ އަފްޣާނިސްތާނުގައި ސިފައިންގެ ވަރަށް ބޮޑު ލަޝްކަރެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިން އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އަފްޣާނިސްތާނުގައި އޮތްއިރު އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން އެމެރިކާ ބިނާކުރި އަފްޣާން ސިފައިންގެ ލަޝްކަރުވަނީ ތާލިބާނުންގެ ކުރިމަތީގައި މުޅިން ރޫޅިގެން ގޮސްފައެވެ.