ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލީސް ކަމުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަން ކުރައްވައިފި އެވެ.

ކޮމިޝަނަރު އޮފް ފޮލީސް އަބްދުﷲ ރިޔާޒު ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނާ އޮޕް ޕޮލިސްގެ މަޤާމަށް މީހަކު ޢައްޔަން ކުރުމުގައި މިހާރު އެސިސްޓެންޓް ކޮމިޝަނަރުންގެ މަޤާމުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި އިންޓަވިއު ކުރެއްވިކަމަށާއި މިއީ މިފަދަ ގޮތަކަށް މި މަޤާމަށް ބޭފުޅުން ޢައްޔަންކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. ރިޔާޒު އޭނާގެ ޓުއިޓާ އެކަންޓްގައި ވިދާޅުވެފައި ވަނީ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ވަހީދު ހަމަޖައްސަވާފައިވާ ކަމަަށާއި ވަހީދަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެފްބީއައި ގްރެޖުއޭޓް، ވަހީދަކީ ދުނިޔޭގެ އެކިއެކު ގައުމުތަކުން ފުލުހުންނާ ގުޅުން ހުރި ދާއިރާތަކުން ގިނަ ތަމްރީންތަކެއް ހައްދަވާފައިބާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސްކޮޓިސް ޕޮލިސް ކޮލެޖުން ޕޮލިސް ލީޑާޝިޕްގެ ދާއިރާއިން މަތީ ތައުލީމް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ކުރިން އިސްތިއުފާ ދެއްވެވި ކަމަށް އަޑުތައް ފެތުރުނު ވަޙީދަކީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަހީދު މަގާމަށް އައްޔަން ކުރެއްވުމާއެކު މިއަދު އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރައްމިއްޔާތުގައި ވަހީދު ތައާރަފުކޮށް މަގާމު އިއުލާން ކޮށްދެއްވެވީ ކޮމިޝަނާ ރިޔާޒެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި ވަހީދުއާއެކު ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވެވީ ކުރީގެ ޑިޕިއުޓީ ކޮމިޝަނާ އަދި މިހާރު މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް މުޙައްމަދު ފަޔާޒާއި އިތުރު އިސް އޮފިސަރުންނާއި ފުލުހުން ބައިވެރި ވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޖަމީލު ވިދާޅުވީ ފުލުހުންނަކީ މަސައްކަތުގައި ބޭނުންވާ ޢިލްމީ ޤާބިލްކަމާއި ހުނަރާއި ތަޖުރިބާގެ ގޮތުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ފުލުހުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.