18 Nov 2021, 11:57
އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ ބައެއް މީހުންނަށްވެސް ކޮވިޑް-19 ވެކްސިން ޖެހުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.
ރާއްޖޭގައި މިވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަމުން ދަނީ ފްރޮންޓުލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށާއި އުމުރުން 60 އަހަރުން މަތީގެ ބައެއް މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޓުވީޓެއްގައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބޫސްޓާ ޖެހޭ އުމުރު 50އަށް ދަށްވާނެއެވެ.
އެގޮތުން ބޫސްޓާ ޑޯޒް ޖެހޭނެ 50 އަހަރުން މަތީގެ މީހުންނަކީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބައެއް ބޭސްތައް ބޭނުންކުރާ މީހުންނެވެ.
މީގެ އިތުރުން ބޫސްޓާ ޑޯޒް ޖެހޭނެ މީހުންނަކީ, ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއްނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުންނެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެސް ބޫސްޓާ ޑޯޒް ޖެހޭނެއެވެ.
ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފެށީ މިދިޔަ މަހުގެ ތިންވަނަ ދުވަހުގައެވެ. އެ ޑޯޒް ޖެހޭނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ހަ މަސް ފަހުންނެވެ.
އެޗްޕީއޭއިން ވަނީ އެޕޮއިންޓްމެންޓަކާ ނުލައި އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުންވެސް ބޫސްޓާ ޑޯޒް ޖެހޭނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެޕޮއިންޓްމެންޓު ހައްދައިގެން އޭޑީކޭއިން 09:00އިން 12:00އަށް އަދި ހުޅުމާލެ ހޮސްޕިޓަލުން 11:00އިން 12:00އަށް ފައިޒާ ވެކްސިން ޖެހޭނެއެވެ. އަދި އައިޖީއެމްއެޗުންވެސް ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހަކު ފައިޒާ ވެކްސިން ޖެހޭނެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުގައިވާ ގޮތުން ރާއްޖޭގެ 361،391 މީހުން ވަނީ މިހާތަނަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި 5،390 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.