04 Mar 2012, 14:10
ސިފައިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ) ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހިމް ކަލޭފާނު ޕޮލިހަށް ހާޒިރުކޮށްފި އެވެ.
މިއަދު 2:00 ޖެހިއިރު ތޮލްހަތު ފުލުހަށް ވަޑައިގެންނެވިއިރު އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކޮއްކޮ، ނޫރުބާން ފަހުމީ އެވެ.
ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު ޝަހީދު ހުސައިން އާދަމް ބިލްޑިންޑުގެ ބޭރުގައި ހުންނަވައިގެން ތޮލްހަތު ވިދާޅުވީ ފުލުހުން އޭނާ ހާޒިރު ކޮށް ސުވާލު ކުރީ އަބްދުﷲ ގާޒީގެ މައްސަލައިގައި ކަމަށާއި އެ ސުވާލަތުތަކަށް ޖަވާބު ނުދެއްވައި ހަނު ހުރުމުގެ ބޭނުން ކުރައްވާފައިވާ ކަމަށެވެ.
"ނޫރު ބާނު [ވަކީލު] ގެ އެދި ވަޑައިގަތުމާއެކު އަޅުގަނޑު ހަނު ހުރީ،" ތޮލްހަތު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފީޝަލް ސަބް އިނިސްޕެކްޓާރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުން ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރަމުން ގެންދާނެ ކަމަށެވެ.
"މިހާރު ބަލަމުންދާ އެކި މައްސަލަތަތަކާއި ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ފުލުހުން ސުވާލުކުރާނެ،" ޝިޔާމް ވިދާޅުވިއެވެ.
މިދިއަ މަހުގެ ނުވަވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ތޮލްހަތު ހައްޔަރު ކުރުމުގެ ވޮރަންޓަކަށް އެދުމާއިއެކު ކްރިމިނަލް ކޯޓުން ވަނީ އެދުވަހު އެދެބޭފުޅުން ހައްޔަރުކުރުމުގެ އަމުރެއް ނެރެ ދެއްވާ ފައެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ ކޯޓް ވޮރަންޓަކީ ފުލުހުން އަމަލުކުރުމާއި ނުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ އެއްޗެއް ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަމުން ކުރީގެ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު މުލީއާގެ އިން ފެނުނު ބަނގުރާ ހުރި ފުޅިތަކާއި ބަންގުރާ ހުސްކުރި ފުޅިތަކުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާއާ ސުވާލް ކުރުމަށް ފަހުވަނީ ދޫކޮށްލާފަ އެވެ.