އިއްޔެ ހަވީރު، ކްލިޕް އަޅުވައިގެން ހައްޔަރުވާން ދިޔަ އެމްޑީޕީގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ މާލޭ ސިޓީ ކައުންސިލް މެންބަރު މުހައްމަދު ފަލާހު ފުލުހުންގެ ލައިން ފަޅާލައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ، އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އަމިއްލައަށް ހައްޔަރުވާން ރޭ އުޅުނު އެމްޑީޕީގެ މީހުން ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާޗް ކައިރީ ހުރި ބްރިގޭޑްތައް ވައްޓާލައި ފުލުހުންގެ ލައިން ފެޅި އިރު އެ މީހުންގެ ތެރޭގައި ފަލާހު ވެސް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ ލައިން ފަޅާލުމުން އެތައްފަހަރެއްގެ މަތިން ނަސޭހަތްތެރިވުމުން ވެސް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތު ވެސް ފަލާހުއާއެކު ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރޭ ފުލުހުން ހައްޔަރު ކުރި 35 މީހުންގެ ތެރެއިން މިހާރު ބަންދުން ދޫނޮކޮށް ތިބީ 10 މީހުންނެވެ. އެ މީހުންނަކީ ރޭގެ މުޒާހަރާގައި ހިންގި އެކި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

މާފަންނު ހުޅަނގު ދާއިރާއިން ކައުންސިލު ކަމަށް ހޮވިވަޑައިގެންނެވި ފަލާހު ފުލުހުން ހައްޔަރު ކުރުމާ ގުޅިގެން މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ގޮވާލައްވާފައި ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށެވެ. އަދި އެމްޑީޕީން ރޭ ކުރި މުޒާހަރާއަކީ ސުލްހަވެރިކަމާއެކު ކުރި މުޒާހަރާއަކަށް ވުމުން އެއްވެސް ވަރަކަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އަލިބެ ވިދާޅުވެފައިވެ އެވެ.

އަމިއްލައަށް ރޭ ހައްޔަރުވާން ދިޔަ މީހުން ފުލުސް އޮފީހާ ދިމާލަށް ދިޔައީ ބޮޑުތަކުރުފާނު މަހުން ބޭންކް އޮފް މޯލްޑިވްސް ކައިރިންނެވެ. އެ ސަރަހައްދުން ވަންނަން އުޅުނު މީހުން ފުލުހުން ހައްޔަރު ކުރުން އަނެއްކާވެސް އިތުރު ބަޔަކު އަތުގައި ކްލިޕް އަޅުވައިގެން މުޒާހަރާ ކުރަން ފެށީ ރައީސް އޮފީސް ކުރިމަތީގަ އެވެ. އެތަނަށް އެއްވި މީހުންނަށް ތިން ފަހަރެއްގެ މަތިން ނަސޭހަތް ތެރިވުމަށްފަހު އެއްވުން ރޫޅާލީ ޕްރެޝަރުގައި ލޮނު ޖައިގެނެވެ.