17 Nov 2021, 15:11
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިންޑިއާ އައުޓް ކެމްޕެއިނާ ގުޅިގެން ފޮރިން މިނިސްްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ބައިނަލްއަގްވާމީ ގަވާއިދުތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާހެން އޮތް ގުޅުމެއްކަމަށެވެ.
"ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން އުފެދިފައިވާ މި ފަދަ އެކުވެރި ގުޅުމަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ކުރިމަތިވާނެ އެއްވެސް ނުރައްކަލެއް ނޯންނާނެ. އޭގެ ބަދަލުގައި މި ފަދަ ގުޅުންތައް ބައްޓަންކުރެވިފައިވާނީ ރާއްޖޭގެ ބޭނުންތަކާއި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް،" އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ގަބޫލްކުރާ ގޮތުގައި އިންޑިއާ އައުޓް ކެމްޕެއިނަކީ މަދު ބައެއްގެ ޝާމިލުވުން ހިމެނިގެން ހިންގަމުން އަންނަ ހަރަކާތެއްކަމަަށެވެ. އަދި އެއީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މާ ގިނަ ބައެއްގެ ތާއީދު ވެސް ނެތް ހަރަކާތެއްކަމަށެވެ.
ހަމައެއާއެކު މިނިސްޓްރީން ބުނީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާއެކު އޮތް ގައުމެއްްކަަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އޮންނަނީ އެކުވެރި ގުުޅުމެެއްކަމަށެވެ.
މީގެ އިތުރުން އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީއިން އޭގެ ފައިދާކުރާނީ ވެސް ދިވެހިންނަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ފަދަ އެއްބަސްވުންތައް ދިވެހި ސަރުކާރުން ހަދާފައިވަނީ ހަމައެކަނި އިންޑިއާއާއެކު ނޫންކަމަށާއި އެހެން ގައުމުުތަކާއެކު ވެސް އެއްބަސްވުން ހަދާފައިވާނެކަމަށް ބުންޏެވެ. އެއާއެކު އަންނަ ނުރައްކާތަކާ ކުރިމަތިލައި އަރައިގަތުމަށް ޓަކައި ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރުމަށް ގައުމުތަކާ ރަނގަޅު ގުޅުމެއް ބާއްވަން ޖެހޭކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާނެފަދަ އެންމެހާ ކަންކަން ކުރުމުން ދުރުވުމަށް ގޮވައިލައިފައެވެ. އަދި ދޮގު ޚަބަރު ފެތުރުން ހުއްޓައިލައި ކަމުގެ އަސްލު ނޯޅޭނެހެން ޚަބަރުތައް އާންމުކުރަން މީޑިއާއަށް ވެސް ވަނީ ގޮވައިލައިފައެވެ. އަދި ސިޔާސީ ޕާޓީތަކުން މަސައްކަތްކުރާއިރު ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމަށް ވެސް ގޮވައިލައިފައިވެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން ހިންގަމުން އަންނަ ހަރަކާތެކެވެ. މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި ސުލްހަވެރި ހިނގާލުމުގައި ވެސް ވަނީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅުކޮށްފައެވެ. އެ ހިނގާލުން ވަނީ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް މީޑިއާކަމަށްވާ އަލްޖަޒީރާއިން ވެސް ލައިވްކޮށްފައެވެ.