17 Nov 2021, 18:26
ބްރަސަލްސް (17 ނޮވެމްބަރު): ޔޫރަޕްގެ ގައުމުތަކަށް ހިޖްރަކުރުމަށް އެދޭ ރެފިއުޖީން ނުވަތަ ހިޖްރަވެރިން ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވުމުގެ ފުރުސަތު ބެލަރޫސް އިން ދީފައިވާކަމަށްބުނެ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޔޫރަޕްގެ އިއްތިޙާދުން ދީފިއެވެ.
ބެލަރޫސް އަށް އިންޒާރު ދެއްވަމުން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ އަދި ސަލާމަތާބެހޭ އިސް ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ފިޔަވަޅުއަޅާނީ ހިޖްރަވެރިން ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވުމުގެ ފުރުސަތުދިނުމުގައި އިސްކޮށް އުޅުއްވި ބެލަރޫސްގެ މަސްއޫލުވެރިންނާ ދެކޮޅަށް ކަމަށާ ބެލަރޫސްގެ ދައުލަތާ ރައްޔިތުންނާ ދެކޮޅަށް ނޫންކަމުގައެވެ.
ޖޯސެޕް ބޮރެލް ވަނީ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވުމުގެ ފުރުސަތު ހިޖުރަވެރިންނަށް ދިނުމުގެ އިތުރުން ޕޮލެންޑަށާ އަދި ޔޫރަޕްގެ އިއްތިޙާދުގެ އެހެން ގައުމުތަކަށް ހިޖްރަކުރުމަށް ބެލަރޫސް އިން ހިޖުރަވެރިންނަށް ހިއްވަރުދިން ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޕޮލެންޑްގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތާށިވެ ގޮތް ހުސްވެފައިވާ ހިޖުރަވެރިން
ޔޫރަޕަށް ހިޖްރަކުރުމަށް ބޭނުންވާ ގާތްގަނޑަކަށް 4 ހާހެއް ރެފިއުޖީން (ހިޖްރަވެރިން) ސަރަހައްދީ ރޮނގު ހުރަސްކޮށް ޕޮލެންޑަށް ވަނުމުގެ ފުރުސަތު ނުދީ ޕޮލެންޑުންވަނީ އެމީހުންގެ ކުރިމަތީގައި އެގައުމުގެ ސަރަހައްދީ ރޮނގު ބަންދު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންވަނީ ވަންނާނެތަނެއްނެތި ގަދަ ފިނީގައި އެސަރަހައްދުގައި ތާށިވެ ހާލުގައި ޖެހިފައެވެ.
އެސަރަހައްދުގައި ތާށިވެ ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ ތެރޭގައި ހިމެނެނީ އިރާގު، އަފްޣާނިސްތާން، ސޫރިޔާ ފަދަ ހަނގުރާމަ ހިނގާ އިސްލާމީ ގައުމުތަކުގެ ރެފިއުޖީންނެވެ. އެމީހުން ބުނާގޮތުން އެމީހުންގެ ގައުމުތަކަށް އަސްކަރީ ގޮތުން އަރައި ހަނގުރާމަކޮށް އެގައުމުތައް ސުންނާފަތިކޮށްލުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކެވެ.
އަދި އެމީހުން ރެފިއުޖީންނަށްވެ އެހެންގައުމުތަކަށް ހިޖްރަކުރަން ބޭނުންވާ ބަޔަކަށް ހެދީ އެމެރިކާއާއި ޔޫރަޕުންނެވެ. ނުވަތަ ހުޅަނގުގެ ސަބަބުންނެވެ. އެހެންކަމުން ޔޫރަޕަށް ހިޖުރަކުރުމުގެ ފުރުސަތު ޔޫރަޕްގެ ގައުމުތަކުން އެމީހުންނަށް ދޭންޖެހޭނެއެވެ.
ޔޫރަޕްގެ އިއްތިހާދަކީ އިންސާނީ ހައްގުތަކާއި ހިޖްރަކުރުމުގެ ހައްގު އޮންނަންވާނެކަމަށް ދައުވާކުރާ ގައުމުތަކެކެވެ. ނަމަވެސް ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގަށް ޖަމާވެފައިވާ އެންމެ ހަތަރު ހާހެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި ނުވަތަ ހިޖުރަވެރިންގެ ގޮތުގައި ބަލައިގަތުމަށް ޕޮލެންޑުންވެސް އަދި ޔޫރަޕްގެ އިއްތިހާދުގެ އެހެންގައުމުތަކުންވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ޔޫރަޕްގެ އިއްތިޙާދު ބުނާގޮތުން ޔޫރަޕަށް ހިޖުރަ ކުރަންބޭނުންވާ ރެފިއުޖީންނަށް ޕޮލެންޑްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވުމުގެ ފުރުސަތު ޕޮލެންޑުން ދިނީ ޔޫރަޕުން ބެލަރޫށްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލުހިފުމު ބޭނުމުގައެވެ. ޔޫރަޕުން ބެލަރޫސް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ މިދިޔައަހަރު ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެގައުމުގެ ސަރުކާރުން ގަސްދުގައި އޮޅުވާލާފައިވާކަމަށް ތުހުމަތުކުރުމަށްފަހުގައެވެ. އެ ތުހުމަތުތަކަށް ބެލަރޫސްގެ ސަރުކާރުން އިންކާރު ކުރެއެވެ.
ބެލަރޫސް ބުނާގޮތުން ޔޫރަޕުން އެގައުމާ ޖައްސާލައިގެން އުޅެނީ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އެޅީވެސް ޔޫރަޕުން ދުޝްމަނެއްގެ ގޮތުގައި ބަލާ ރަޝިއާއާ އެގައުުމުން ގާތްގުޅުންތަކެއް ބާއްވާތީއެވެ. ބެލަރޫސް އިންވަނީ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅައިފިނަމަ އެކަމަށް ބަދަލު ހިފުމުގެގޮތުން ބެލަރޫސްގެ ބިން ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ފޯރުކޮށްދޭ ގޭސް ސަޕްލައި ކަނޑާލާނެކަމުގެ އިންޒާރު ދީފައެވެ.
ބެލަރޫސްގެ ބިން ހުރަސްކޮށް ޔޫރަޕްގެ ގައުމުތަކަށް ގޭސް ހޮޅި އަޅާފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއަކީ ބެލަރޫސް އާ ވަރަށް ގާތްގައުމެއްނަމަވެސް ރަޝިއާއިންވަނީ ގޭހުގެ ސަޕްލައި ހުއްޓުމެއްނެތި ޔޫރަޕަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.