ރަށްރަށުގައި ފީ ނަގާގޮތަށް ޕާކިން ޒޯނު ހެދުމުގެ ބާރު ކައުންސިލްތަކަށް ދެވޭގޮތަށް އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު ގެޒެޓްކޮށްފިއެވެ.

އެ ގަވާއިދުގައި ވާގޮތުން، ކައުންސިލްތަކުން ޕާކިން ޒޯން ކަނޑައެޅުމުގައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދު ތަކާއި، ވަކި ވަގުތުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފީ ދައްކައިގެން ޕާކު ކުރެވޭ ޕާކިން ޒޯނުތައް ކަނޑައަޅާނަމަ، އެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކުން އުސޫލެއް އެކުލަވާލައި އާއްމު ކުރަން ޖެހެއެވެ.

އެފަދަ ޕާކިން ޒޯނު ތަކުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާނެ ގޮތަކަށް ފީ ނެގޭނެ އިހުތިޔާރު ކައުންސިލުތަކަށް ވަނީ ދީފައެވެ.

އެ ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ، ސްޓިކާ ހަރުކުރުމުގެ ބާރު މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ. ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ޖޫރިމަނާއެއް ގޮތުގައި އުޅަނދުގެ ވެރިފަރާތުން 250 ރުފިޔާ ދައްކަން ޖެހެއެވެ.

ސްޓިކާ ޖެހުން ފިޔަވައި، އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް އެ ގަވާއިދުގައި ވަނީ ބަޔާން ކޮށްފައެވެ.

މިއަދުން ފެށިގެން އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށޭނެއެވެ. ނަމަވެސް އެ ރަށަކުން މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން، މިކަމާ ބެހޭ ސާފު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.