ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެނީ މީހުން ބިނާކޮށް ހެޔޮލަފާ ޒުވާން، ވަރުގަދަ ޖީލެއް އުފެއްދުމަށް ކަމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޒުވާން ވަރުގަދަ ޖީލެއް ގައުމަށް ބޭނުންވާ ކަމަށާއި އެފަދަ މީހުން އުފައްދަން ސަރުކާރުން ހަލުވިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މީހުން ބިނާކުރުން. އަޅުގަނޑުމެން މިއަދު މިކުރާ ހުރިހާ މަސައްކަތްތަކާ ގުޅިފައި މާދަމާ އަންނަން އޮތް ޖީލު ކަމަށްވާއިރު ސަރުކާރުން ވަރަށް ބޮޑު ހޭދައެއް އެބަކުރައްވަމުން ގެންދޭ. އެތައް ބިލިއަނެއް ހޭދަ ކުރެވެމުން މިދަނީ މީހުން ބިނާކުރުމަށް،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މިއަދާ ހަމައަށް 11،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ސަރުކާރުގެ ހިލޭ ޑިގްރީގެ ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޮލާޝިޕާއި ލޯންސްކީމަށް ވެސް ވަރަށްބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ސްކޮލާޝިޕާ ގުޅޭގޮތުން އިތުރަށް ތަފްސީލުދެއްދެމުން ފައިސަލް ވިދާޅުވީ އެ ކުއްޖަކު ބޭނުންވާ ގައުމަކުން އަދި ބޭނުންވާ ދާއިރާ އަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

މިއަދަކީ ސަރުކާރަށް ތިން އަހަރު ފުރުނު ދުވަސް ކަމަށްވާއިރު އެކަމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި މުޅި ދުނިޔެއާއި ރާއްޖެއަށް ދަތިކަންތައްތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރުން ވި ވައުދުތައް ފުއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށާއި ސަރުކާރު އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށެވެ.

އިޖުތިމާއީ ރޮނގުން ސަރުކާރުން ކޮށްފައިވާ ހިދުމަތްތަކާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލަދިނުމުގެ އިތުރުން އިންސާނީ ހަމަހަމަކަން ގާއިމު ކުރުމަށް ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.