މޮސްކޯ (17 ނޮވެމްބަރު) : އެމެރިކާ ނުކުރާކަމެއް ރަޝިއާ ނުކުރާކަމަށާއި ރަޝިޔާ އިން އިއްޔެ ފަޒާގައިކުރި މިސައިލް ތަޖްރިބާއަކީ އެމެރިކާވެސް ކުރިން ކޮށްފައިވާ ތަޖްރިބާއެއްކަމަށް ރަޝިއާ ބުނެފިއެވެ.

ފަޒާއާބެހޭ ރަޝިޔާގެ އިދާރާ "ރޮސްކޮސްމޮސް" އިން ބުނީ ރަޝިޔާ އިން އިއްޔެ ފަޒާގައި ކުރި މިސައިލް ތަޖްރިބާ މާބޮޑު ކަމަކަށް ހަދައިގެން އެމެރިކާ އުޅުނުގޮތުން ހައިރާންވާކަމަށާ މިއީ އެމެރިކާގެ މުނާފިގުކަން އިތުރަށް ހާމަވެގެން ދިޔަކަމެއް ކަމުގައެވެ.

ރަޝިޔާ އިން ފަޒާގައިކުރި މިސައިލް ތަޖްރިބާގައި އެގައުމުންވަނީ ފަޒާގެ އޯބިޓެއްގައި ދިގުމުއްދަތަކަށް އޮތް ރަޝިއާގެ ބައު ސެޓަލައިޓެއް ފަޒާގެ ތެރެއަށް ގޮއްވާލާފައެވެ. އެމެރިކާ ވަނީ މިއީ ފަޒާގައި ބުރުޖަހަމުން ގެންދާ "ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން" (އައިއެސްއެސް) އަށް ނުރައްކާވާގޮތަށް ރަޝިއާ ހިންގި އަމަލެއްކަމަށް ބުނެ ވަރަށް ބޮޑަށް ރަޝިއާ ކުށްވެރިކޮށްފައެވެ.

މީގެއިތުރުން ރަޝިއާގެ ތަޖްރިބާގެ ސަބަބުން ފަޒާގައި ކުނިބުނި ގިނަވެ ފަޒާގެ ތިމާވެއްޓަށް ނުރައްކާވެފައިވާކަމަށާ މިއީ ރަޝިއާގެ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް އެމެރިކާ ބުނެފައިވެއެވެ. ރަޝިއާ ބުނާގޮތުން އެމެރިކާވަނީ ދެފަހަރެއްގެމަތިން ފަޒާގައި މިސައިލް ތަޖްރިބާކޮށް ސެޓަލައިޓްތައް ގޮއްވާލާފައެވެ. އެހެންކަމުން މިކަމުގައި އެމެރިކާ ރަޝިއާއަށް ފާޑު ކިޔުމަކީ މުނާފިގު އަމަލެކެވެ.

ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)

ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ މިމައްސަލާގައި ކަންބޮޑުވީ ރަޝިއާގެ މިސައިލް ތަޖްރިބާގެ ކުޅަދާނަކަމާއި ސެޓައިލްޓް ގޮއްވާލުމުގައި ބޭނުންކުރި ރަޝިއާގެ މިސައިލް އެކުއިރޭޓްކަމުންނެވެ.

ރަޝިއާގެ ބަޔާނުގައިވާގޮތުން އެގައުމުން ކުރި ތަޖްރިބާގައި ގޮއްވާލި ސެޓެލައިޓް ފަޒާގައި ބުރުއަޅަމުން ދިޔައީ، "ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން" ބުރުއަޅާ އޯބިޓަށް ވުރެ އުހުގައިވާ އޯބިޓެއްގައެވެ. އެހެންކަމުން އެތަޖްރިބާއިން "ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން" އަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ރަޝިއާއަށް އޮތެވެ.

އެމެރިކާ ބުނެފައިވާގޮތުން ރަޝިޔާއިން އެ ތަޖްރިބާކުރީ ކުރިން އެންގުމަކާ ނުލައެވެ. އަދި "ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން" އަށް ކުރިމަތިވެދާނެ ނުރައްކަލަކަށްވެސް ބެލުމެއްނެތި ޒިންމާދާރުކަން ކުޑަ ގޮތެއްގައެވެ. ނަމަވެސް އެމެރިކާއެކޭ އެއްގޮތަށް ރަޝިއާއަކީވެސް "ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން" ގެ ބައިވެރިއެކެވެ. އެ ސްޓޭޝަން ބިނާކުރުމާއި ބޭނުންކުރުމުގައި އެމެރިކާ އެކޭ އެއްވަރަށް ރަޝިއާގެ ހިއްސާ އޮވެއެވެ. އެހެންކަމުން ރަޝިއާއަށްވެސް ގެއްލުމެއް ލިބޭކަމެއް އެގައުމުން ނުކުރާނެކަމީ އެމެރިކާއަށްވެސް އެނގޭނެ ކަމެކެވެ.

އެމެރިކާ ވަނީ ރަޝިއާގެ ތަޖްރިބާގެ ސަބަބުން، ދޮޅުހާހަށްވުރެ ގިނަ ބޮޑެތި ކުނިބުނި (ސެޓަލައިޓްތަކަށް ގެއްލުން ލިބޭފަދަ) ފަޒާގައި އުފެދުނު ކަމަށާ އަދި ރާޑަރުތަކުން ދެނެގަނެވޭ ވަރަށްވުރެ މާކުދި، އެތައް ލައްކަ ކުނުބުނީގެ އެތިކޮޅުތައް އުފެދުނުކަމަށް ބުނެ މިއީ ހުރިހާ ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށް ރަޝިއާ ކުށްވެރިކޮށްފައެވެ. ނަމަވެސް ރަޝިއާ ބުނާގޮތުން މި ކުނިބުނިތަކަކީ އެއްވެސް ގެއްލުމެއް ހުރި އެއްޗިއްސެއްނޫނެވެ.

ފަޒާގައި މިސައިލް ބޭނުންކޮށްގެން ސެޓަލައިޓްތައް ގޮއްވާލުމުގެ ތަޖްރިބާތަކަކީ މީގެ 60 އަހަރުކުރިން އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އިން ކޮށްފައިވާ ތަޖްރިބާ ތަކެކެވެ. އަދި ޗައިނާވެސް ވަނީ މިތަޖްރިބާކޮށްފައެވެ. ރަޝިއާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަން ގެ ގައުމެކެވެ.