17 Nov 2021, 09:33
ކޮވިޑްގައި އިތުރު މީހަކު މަރުވެ، ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 248ށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ކުރަމުން ދިޔަ މީހަކު ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު މަރުވެފައި ވާކަމަށެވެ.
މަރުވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން މި މަހުގެ ތެރޭގައި ރާއްޖެއިން މަރުވި ހަ ވަނަ މީހާއެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ހާލު ދެރަވެގެން އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީއިން މާލެ ގެނައި ބަލި މީހެކެވެ.
އިއްޔެ ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 3,349 ސާމްޕަލުން 118 މީހުން ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ.
މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 2,154މީހުންގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 87،703 އެވެ.