ވިލިމާލޭ ހޮސްޕިޓަލުގެ ހާލަތަކީ ކޮބައިކަން، އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ ސަމާލު ކަމަށް ގެނެސްފިއެވެ.

ހޮސްޕިޓަލުގެ ހާލަތު، މިސްޓަރުގެ ސަމާލު ކަމަށް ގެނައީ މިއަދު އެމަނިކުފާނާއިއެކު ނަހުލާ، ބޭއްވި ބައްދަލު ކުރެެއްވުމެއްގައެވެ.

އެ ބައްދަލު ކުރެއްވުމުގައި މިނިސްޓަރުގެ ސަމާލު ކަމަށް ގެނައި ކަންކަމުގެ ތެރޭގައި ވިލިމާލޭ ހޮސްޕިޓަލަކީ ނަމުން ހޮސްޕިޓަލެއް ނަމަވެސް، އެއީ ސިއްހީ މަރުކަޒެއް ކަމަށާއި ކޮންމެ ކަމެއް ވެގެން ދިއަޔަސް، ބޭސް ސިޓީގައި ޕެނަޑޯލް ގުޅައެއް ލިޔެދިނުން ނޫން އެހެން ކަމެއް ނުކުރެވޭ ކަމުގައި ދެންނެވިއެވެ.

މީގެ އިތުރުން ވެސް މިނިސްޓަރުގެ ސަމާލު ކަމަށް ގެނައި މައްސަލަތަކުގެ ތެރޭގައި ޑޮކްޓަރުން ނުތިބޭ ކަމާއި ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު އަންހެނުންނާއި އަދި ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް ދެންނެވިއެވެ.

ކައުންސެލަރު ނަހުލާ، ހެލްތް މިނިސްޓަރާ ބައްދަލު ކުރެއްވުން --

"ފަނަރަ ސަތޭކަ އާ ގާތްކުރާ އަދަދަކަށް އާބާދީއެއް ވިލިމާލޭގައި ދިރިއުޅޭއިރު، ސިއްހީ ހިދުމަތް ރަނގަޅުވެ، ކަނޑު ހުރަސްކޮށް މާލެ ދާން ނުޖެހި ދިރިއުޅޭ ފަސްގަނޑުން ހިދުމަތް ލިބުން އެއީ ވިލިމާލޭ ރައްޔިތުންގެ ބޮޑު އެދުމެއް ކަމަށް ވެސް މިނިސްޓަރަށް އަޅުގަނޑުދެންނެވިން،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު، މިނިސްޓަރު ނަސީމް ވަނީ ވިލިމާލޭ ހޮސްޕިޓަލްގެ ހާލަތު އަމިއްލަފުޅަށް ބައްލަވާލައްވަން ވަޑައިގަންނަވާނެ ކަމަށް ނަހުލާއަށް ދަންނަވާފައެވެ.