ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ދުނިޔޭގެ މަޝްހޫރު އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީ، އަސީރު މަލިކާ ކައިވެނި ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދެމީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުޑަކޮށް ފާހަގަކޮށްފައިވާއިރު ކައިވެނީގެ ދުވަހުގެ ފޮޓޯތައް އޭނާ ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ނަމަވެސް މަލާލާގެ ކައިވެންޏަށް ތައްޔާރުވަމުންދާކަމުގެ ޚަބަރު ލިބުމާއެކު އެންމެންނަށްވެސް ސިހުން ގެނުވީ އުމުރުން 24 އަހަރުގެ މަލާލާ، މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވާ ވާހަކަތަކުންނެވެ. އޭނާ ބުނެފައިވާގޮތުން ދެމީހަކު ކައިވެނިކުރާ ސަަބަބު އޭނާއަށް ނުވިސްނޭކަމަށާއި ކަރުދާހުގައި ދެމީހުން ސޮއިކުރަނީ ކީއްވެގެންތޯ އޭނާވަނީ ސުވާލުކޮށްފައެވެ. އަދި އެކަމަށް ޖޯކު ޖަހާ، އޭނާ ވަނީ ޕާޓްނާޝިޕަކާ ކައިވެންޏާ އެއްފަދަކޮށްފައެވެ.

ނަމަވެސް މަލާލާގެ ދިރިއުޅުމަށް އަސީރު އައުމުން އެންމެ ގާތް އެކުވެރިޔަކަށް އޭނާ ވެ، ކައިވެނިކުރަން ބޭނުންވީ ކަމުގައި މަލާލާ ބުންޏެވެ.

ބީބީސީގެ ޚަބަރުތައް ބުނާގޮތުން މަލާލާ ބުނެފައިވަނީ ކުރިންވެސް އޭނާ ކައިވެންޏާ ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް އޭނާ އެކަމާ ކަންބޮޑުވުން ފާޅުކުރީ ޅައުމުރުގައި ކިޔަވާ ކުދިން މަޖުބޫރުން ކައިވެނިކުރުވާ، ތައުލީމުގެ ހައްގުން އެކުދިން މަހުރޫމްކޮށްފައިވާތީ ކަމުގައި އޭނާ ބުނެފައިވެއެވެ.

އަދި އޭނާ ބުނެފައިވަނީ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ ދެމެދުގައި ވަރަށް ބޮޑު ތަފާތުކުރުންތަކެއް ހުންނަކަމަށެވެ. ދިރިއުޅުމުގެ މައިދާނުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ބާރު ދެރަކަމަށާއި ދިރިއުޅުމަށްޓަކައި އަންހެނުންނަށް ގިނަ ގުރުބާނީތަކެއް ވާންޖެހޭ ކަމަށެވެ. އަދި އަސީރު ފަދަ އޭނާއަށް ގަދަރުކުރާ، ރަނގަޅު ހަޔާތުގެ ބައިވެރިޔަކު ލިބުނީތީ ވަރަށް އުފާވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މަލާލާ ވަނީ ކައިވެންޏާ މެދު އުފެދުނު ސުވާލުތަކާއި ޝައްކުތަކަށް ބިނާކޮށް ލިޔުމެއްވެސް ލިޔެފައެވެ. އެލިޔުން ލިޔެފައިވަނީ އޭނާ ކައިވެނި ކުރިތާ ދެ ދުވަސް ފަހުންނެވެ.

އެ ލިޔުމުގައި މަލާލާ ބުނެފައިވަނީ ކައިވެންޏާ މެދު އުފެދުނު އެއް ސުވާލަކީ ކައިވެންޏަށްފަހު އަނބިމީހާގެ ދިރިއުޅުމަށް ގެންނަން ޖެހޭނެ ބަދަލުތަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން ފިިރިމީހާގެ އާއިލާގައި އާދަކާދަ ބަހައްޓާ ގޮތާ އަނބިމީހާގެ އާދަތައް ތަފާތުވެއްޖެނަމަ ދެން ވާނީ ކިހިނެއްހެއްޔޭ ސުވާލު އުފެދުނު ކަމަށެވެ. މަލާލާ ބުނެފައިވަނީ އޭނާ ކަންބޮޑުވީ އޭނާ ކައިވެނިކޮށްފިނަމަ އޭނާގެ މިނިވަންކަމާއި އޭނާގެ އަސްލު އޭނާއަށް ގެއްލިދާނެތީއެވެ.

އަދި މަލާލާ އެ ލިޔުމުގައި ބުނެފައިވާގޮތުން ލޯބީގެ ގޮތުން ގުޅިގެން އުޅެންވީ ގޮތާއި އުޅެންވީ ކީއްވެކަން އޭނާގެ އެކުވެރިންނާއި އޭނާގެ ފިރިމީހާ އަސީރު އެއިރު އޭނާއަށް ކިޔައިދިން ކަމަށެވެ.

އަދި މަލާލާ ބުނެފައިވަނީ އެކުވެރިކަމާއި ލޯބި އޭނާއަށް ލިބިފައިވަނީ އެކެއްގެ ފަރާތުންކަމަށެވެ. ނަމަވެސް ދިރިއުޅުމުގައި އަންހެނުންނަށް ތަފާތު ކަންތައްތަކާ ކުރިމަތިލާންޖެހެނީ ކީއްވެކަން އަދިވެސް އޭނާއަށް ނުވިސްނޭކަމަށެވެ. އަދި މަލާލާ ވަނީ އޭނާގެ ދިރިއުޅުމުގައި އެކުވެރިކަމާއި ލޯތްބާއި ދެމީހުންގެ މެދުގައިވެސް ހަމަހަމަކަން ވާކަން ގަބޫލުކުރާކަމުގައި ބުނެފައެވެ.

މަސްދަރު: އިންޑިއަންއެކްސްޕްރެސް.ކޮމް