16 Nov 2021, 19:39
މަނީ ލޯންޑާ ކުރިކަން ސާބިތުވެ, ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބާއްވަން ނިންމައިފިއެވެ.
އިތުރު އަޑު އެހުމެއް ބާއްވަން ނިންމައިފައިވަނީ މި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑު އެހުންތައް ނިމިިފައިވަނިކޮށެވެ. "ސަން"އަަށް އެނގިފައިވާ ގޮތުގައި، ހުކުމާ ހަމައަށް ވާސިލްވެފައި ވަނިކޮށް އިތުރު އަޑު އެހުމެއް ތާވަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އިސް ނެގުމުގެ މަތިންނެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމައިލައިފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ހުކުމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކޯޓުން ކުރިން ވަނީ ބުނެފައެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި ވަނީ ގިނަ އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ ފަރާތުން ވަނީ ގާނޫނީ ނުކުތާތަކެއް ނަގައި އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް އެދިފައެވެ. ދިފާއުގެ ހުރިހާ ކަމަކަށް ދައުލަތުން ވަނީ ރައްދު ވެސް ދީފައެވެ.
އިސްތިއުނާފަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަންކޮށްދިނުމަށްވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށް ދެވެން ނެތް ކަމަށެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.