ސަރުކާރާއި ރައްޔިތުން ހިއްސާވާ ޕަބްލިކް ކުންފުނިތަކުގެ ތެރެއިން މުއާސަލާތީ ކުންފުނި ދިރާގަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 166.4 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އަށް 2.9 މިލިއަން ރުފިޔާގެ ސާފު ފައިދާ ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އާންމުންނަށް ހިއްސާ ވިއްކަން ފެށި ދިރާގުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުން ދައްކާގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 521.7 މިލިއަން ރުފިޔާ ލިބި ޓެކްސް އަށް ކެޑުމަށްފަހު އާމްދަނީގެ ގޮތުގައި 196.5 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. އެ ކުންފުނިން ލަފާކުރަނީ 80ރ. ގެ ރޭޓުން ވިއްކާ އެ ކުންފުނީގެ ހިއްސާއަކަށް 2.19ރ. ޖެހޭނެ ކަމަށެވެ.

ގިނަ ޓޫރިސްޓް ރިސޯޓްތަކެއް ތަރައްގީކުރާ އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ތިން މަހަށް ބަލާއިރު އެ ކުންފުންޏަށް 94.1 މިލިއަން ރުފިޔާ ލިބި ޖުމްލަ އާމްދަނީގެ ގޮތުގައި 36.5 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ. އެގޮތުން އިންޓަރެސްޓުން ހަތަރު މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ޖެހިފަ އެވެ.

އެ ކުންފުނިން ލަފާކުރަނީ އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ ފައިދާ މިދިޔަ އަހަރު ނިމުނު އިރު 1.2 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.

ސަރުކާރާއި ރައްޔިތުންގެ ހިއްސާއެއް ދެން އޮންނަނ އެމްޓީސީސީ އަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ލިބި، އެސްޓީއޯއަށް ވަނީ 149 މިލިއަން ރުފިޔާގެ ފައިދާއެއްޖެހިފަ އެވެ.