17 Nov 2021, 07:42
ރޯހިތު ޝެޓީ ޑައިރެކްޓްކުރި ފިލްމް ސިންގަމް ރިޓާންސްގެ އަންހެން ލީޑްރޯލް ބޭނުންވެގެން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރު ގުޅިކަމަށް ރޯހިތު ބުނެފިއެވެ.
ސިންގަމް ރިޓާންސްއަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، 2014 ވަނަ އަހަރު ރިލީސްކުރި އެކްޝަން ފިލްމެކެވެ. މަލަޔަލަމް ފިލްމެއް ކަމަށްވާ އެކަލަވްޔަން އަސްލަކަށް ބަލައިގެން ކުޅެފައިވާ މި ފިލްމްގެ ލީޑް ރޯލުން ފެނިފައިވަނީ އަޖޭ ދެވްގަންއެވެ. ފިލްމްގައި އޭނާ އަދާކޮށްފައިވަނީ ޑީސީޕީގެ ރޯލެވެ. އަދި އަންހެން ލީޑް ރޯލުން ފެނިގެން ދިޔައީ ކަރީނާއެވެ. މި ފިލްމުން ކަރީނާ ޖާގަ ހޯދީ ކިހިނެއްކަން ރޯހިތު ވަނީ މީޑިއާއާ ހިއްސާކޮށްފައެވެ.
ރޯހިތު ބުނެފައިވާ ގޮތުގައި އޭނާއާ އެކު ކަރީނާ ގޯލްމާލް ދޭއް ގައި މަސައްކަތްކުރިއެވެ. އަދި ސިންގަމް ރިޓާންސްގެ ޝޫޓިންގައި މަސައްކަތްކުރަމުން ދަނިކޮށް ކަރީނާ ގުޅާފައި ކުރިއަށް ދެން އޮތީ ކޮން ފިލްމެއްތޯ ސުވާލުކުރިއެވެ. އަދި ރޯހިތު އެއީ ސިންގަމް ރިޓާންސް ކަމަށް ބުނުމުން ފިލްމުގެ އަންހެން ލީޑަކީ ކާކުތޯ ސުވާލުކޮށް، އެ ރޯލް ކުޅެން ކަރީނާ ޝައުގުވެރިކަން ފާޅުކުރި ކަމަށް ރޯހިތު ބުންޏެވެ. އަދި އެއީ މާ ބޮޑު ރޯލެއް ނޫންކަމުގައި ރޯހިތު ބުނުމުން ކަރީނާގެ ޖަވާބަކަށްވީ، ރޯލު ބޭނުންވަނީ ރޯލް ބޮޑުވެގެން ނޫން ކަމަށާއި ޓީމާއެކު ވަގުތު ހޭދަކޮށް މަސައްކަތްކުރަން ބޭނުންވާތީ ކަމުގައި ކަމަށް ރޯހިތު ކިޔައިދިނެވެ.
ރޯހިތުގެ ފުލުހުންގެ ފިލްމްތަކުގެ ދުނިޔެއަށް އަންހެން ފުލުހެއް ނާންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެންމެ ފަހުން އޭނާ އުފެއްދި އެކްޝަން ފިލްމަށް ބަލާއިރު އަންހެން ފުލުހަކަށް އެންމެ ރަނގަޅު ތަރިއަކީ ކެޓްރިނާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި އަންހެން ފުލުހެއްގެ ލީޑް ރޯލްވެސް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޯހިތުގެ އެކްޝަން ފިލްމްތަކުގައި އާންމުކޮށް ފިރިހެން ފުލުހެއް ލީޑް ރޯލް ކުޅޭއިރު އަންހެން ލީޑުން ފެނިގެންދަނީ އަނބިމީހާ ނުވަތަ ލޯބިވެރިޔާގެ ރޯލުންނެވެ. ނަމަވެސް ކުރިއަށް އޮތް ފިލްމްގައި ތަފާތު ވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ރޯހިތު ޝެޓީގެ ފިލްމް ސޫރްޔާވަންޝީއަކީ މިމަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ރިލީސްކޮށްފައިވާ ކާމިޔާބު ފިލްމެކެވެ. މި ފިލްމަށް 150 ކުރޯޑު ރުޕީސް 10 ދުވަހުގެ ތެރޭގައި ލިބިފައިވެއެވެ. މި ފިލްމުގެ ލީޑް ރޯލުން އަކްޝޭއާއި ކެޓްރީނާ ފެނިގެންދާއިރު ރޯހިތު ބުނެފައިވަނީ މި ފިލްމަކީ ސިންގަމް ގެ ތިން ވަނަ ބައި ކަމަށެވެ.