17 Nov 2021, 14:38
މާފަންނު ޔޫތު ސެންޓަރުގައި ހިންގި ޔޫތު ޖިމް، ކޮވިޑާ ގުޅިގެން ވަގުތީގޮތުން ބަންދު ކުރުމަށްފަހު، އަލުން ނުހުޅުވި ލަސްވަނީ އެތަނަށް ބޭނުންވާ އިންސްޓްރަކްޓަރުން ނުލިބިގެން ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޫތު ސެންޓަރުގައި ހިންގަމުން އައި ޔޫތު ޖިމް ބަންދުކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ޔޫތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ "ސަން"އަށް ވިދާޅުވީ ކޮވިޑަށް ބަންދު ކުރުމަށްފަހު، އަލުން ޖިމް ހުޅުވަން ގަސްދު ކުރަނީ ރަނގަޅު އިންސްޓްރަކްޓަރަކާއެކުގައި ކަމަށާއި އެހެންކަމުން ތަޖުރިބާހުރި އިންސްޓްރަކްޓަރުން ހޯދަން މިދިޔަ އަހަރު ވެސް އިއުލާނު ކޮށްފައިވާނެ ކަމަށެވެ.
ޒަކީ ވިދާޅުވީ މިފަހަރު ޖިމް ހުޅުވާއިރު، ކުރިން މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ވެސް ޖެހޭނީ އަލުން ރެޖިސްޓްރީ ކުރަން ކަމަށާއި ވަކި މީހަކު ހާއްސައެއް ނުކުރާނެ ކަމަށެވެ.
"ޔޫތު ޖިމް އުވައެއް ނުލަން. ނަމަވެސް މިހާރު ދިމާވާ މައްސަލައަކީ ހުޅުވަން ބެލިއިރު އެތަން ހުޅުވަން ބޭނުންވާ އިންސްޓަރަކްޓަރުންނެއް ނުލިބުނު. ޖިމް ހުޅުވާފަ ހުންނަ ހުރިހާ ގަޑިތަކެއްގަ ވެސް، ކޮލިފައިޑް އިންސްޓްރަކްޓަރެއް އެތަނުގަ ހުންނާނެ. އިންސްޓްރަކްޓަރެއް ލިބުމުން މާދަމާ ވެސް ޖިމް ހުޅުވާނަން،" ޒަކީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔޫތު ޖިމްގައި ވަކި މީހަކަށް ހާއްސަ ކޮށްފައިވާ ޕާސަނަލް ޓްރެއިނާއެއް ނުހުންނާނެ ކަމަށާއި އޭގެ ބަދަލުގައި ހުންނާނީ ޖިމްގައި އެ ވަގުތަކު ކަސްރަތުކުރަން ތިބޭ އެންމެންގެ ވެސް ޓްރެއިނާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޖިމް އަލުން ހުޅުވާއިރު، މަރާމާތު ކުރަންޖެހޭ މެޝިން ފަދަ ތަކެތި މަރާމާތު ކުރުން ފިޔަވާ އިތުރު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.