04 Mar 2012, 12:34
ޅ. އަތޮޅު އޮޅުވެލިފުށިން 17 މޭލު ބޭރުން ކަނޑުމަތީގައި މަރުވެފައިވާ އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެސަރަހައްދުން ދަތުރުކުރި "ބުލެކް ޕާލް" ނަމަކަށް ކިޔާ މަސް ދޯންޏަކުން އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި ފެނިފައި ވަނީ ދިވެއްސެއްގެ ހަށިގަނޑު ކަމެއް އަދި އެއީ ކޮން ޖިންސެއްގެ މީހެއް ކަމެއް ވެސް އަދި ދެންނެވެން ނެތް ކަމަށެވެ.
"މިހާރު އެމްއެންޑީއެފްގެ ފަރާތުން އެ ސަރަހައްދަށް ދަތުރުކުރަމުންއެބަދޭ،" އަބްދުﷲ އަލީ ވިދާޅުވި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި ފުލުހުންނާއި އެމްއެންޑީއެފްގެ ޑޮކްޓަރުންނާއެކު އެސަރަހައްދަށް ދަތުރު ފަށާފައިވާ ކަމަށެވެ.
މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ވ. އަތޮޅު ފައްތެލަ ކިޔާ ފަރެއްކައިރީ ޒަހަމްތަކަކާއެކު މަރުވެފައިއޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިފައި ވެއެވެ. އަދި އޭގެ ފަހުން ކ. ދިއްފުއްޓާ ދިމާ ބޭރުން ވެސް މަރުވެފައިވާ އޮތް މީހެއްގެ ހަށިގަނޑު ފެނިފައި ވެއެވެ.