16 Nov 2021, 12:15
މަރުހޫމް މުހައްމަދު ރަޝީދު (ކޮޕީ މުހައްމަދު ރަޝީދު)ގެ ތައުޒިޔާ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައިފިއެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއި ކުރެއްވީ މިއަދު ދިވެހިބަހުގެ އެކަޑަމީއަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި އެ ދަފްތަރުގައި ސޮއިކުރެއްވުމަށްފަހު ރައީސް ވަނީ އެކަޑަމީގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. މިއީ ދިވެހިބަހުގެ އެކެޑަމީގެ ތާރީހުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އެކެޑެމީއަށް ޒިޔާރާތް ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހި ބަހުގެ އެކެޑަމީއަށް ޒިޔާރަތްކުރައްވައި، ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި. ރައީސް ޞާލިޙް ވަނީ އެކެޑަމީގެ މަސައްކަތްތަކުގެ މުހިއްމުކަން ފާހަގަކުރައްވާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ.@ibusolih@DhivehiEkedameepic.twitter.com/7NiS5CIOgx
— Ministry of Arts, Culture and Heritage (@MoACHmv)November 16, 2021
މީގެ އިތުރުން ރައީސް ވަނީ އެކެޑަމީގެ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާ އެކެޑަމީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ސޯލިހު ދިވެހިބަހުގެ އެކެޑަމީއަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ
ކޮޕީގެ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރަން ފަށައިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ދަފްތަރުގައި ސޮއިކުރުމަށް ހުޅުވާލެވިފައި ވަނީ، މި މަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު 1:30އަށް ދިވެހި ބަހުގެ އެކަޑަމީގައެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކޮޕީ ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.
އުމުރުން 18 އަހަރުގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ކޮޕީ ރަޝީދު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2020 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ހާސިލްކުރައްވައިފައެވެ.
ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
ނޫސްވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކޮޕީ ރަޝީދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައެވެ.
މުޙައްމަދު ރަޝީދު، ތައުލީމީ ދާއިރާއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ. މިގޮތުން، މާލޭގެ ވަރަށްގިނަ ސްކޫލް މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުން ހިދުމަތް ކުރެއްވިއިރު، މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައި ވެއެވެ.
އޭނާއަކީ ތާނަ ޢަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ހާއްސަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ، މުޙައްމަދު ރަޝީދުގެ ހާއްސަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ރަޝީދުވަނީ ހިންގަވައިދެއްވައިފައެވެ. ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
މުހައްމަދު ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ.
ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.