16 Nov 2021, 12:25
ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު، މި ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ހުށަހަޅައިފައެވެ. ކޮމިޓީން ބިލު ހުށަހަޅައިފައިވަނީ ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަކަމަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުށަހެޅި އިސްލާހާ އެއްކޮށްލުމަށްފަހުގައެވެ.
މި ދެ ބިލަކީ ވެސް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ދެ ބިލެވެ.
ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގައި ހާޒިރުވެވަޑައިގެން ތިއްބެވި 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއްނުވެއެވެ.
މި ބިލު ކޮމިޓީން ހުށަހެޅިއިރު ބިލަށް ވަނީ ހަތަރު އިސްލާހެއް ގެނެސްފައެވެ.
ދީނުގެ ހުކުމްތައް ބަޔާން ކޮށްދިނުމުގައި ހުރަހެއް ނެތް
ކޮމިޓީން ވަނީ މީހަކު ކުފުރުކުރުމުން، އެއީ ޖިނާއީ ހުކުމަކަށް ވާނެ ގޮތް ތަފްސީލްކޮށް ބަޔާންކޮށްފައެވެ. އެގޮތުން އެ މީހަކު ފާޅުތަނެއްގައި މުރުތައްދުވެ ނުވަތަ ކުފުރުގެ ބަހެއް ފާޅުގައި ބުނެ، އެއަށް އަމަލު ނުކުރާ ހާ ހިނދަކު އެ މީހަކު ކުފުރުވި ކަމަށް ނުބުނެވޭނެއެވެ.
ހަމައެހެންމެ އެކި ވާހަކަތަކާއި ކަންކަމާމެދުގައި ގުރުއާނާއި ސުންނަތުގައި ވާ ކަންކަން ބަޔާން ކުރުމަށް ހުރަސް ނޭޅޭނެ ފަދަ އިސްލާހެއް ވެސް ހިމަނައިފައިވެއެވެ.
އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ކުށެއް
ކޮމިޓީން ވަނީ ބިލުގައި އިސްލާމްދީނަށް ކުޑައިމީސް ބަސް ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބަޔާންކޮށްފައެވެ.
އެ އިސްލާހުގައި ވާ ގޮތުން މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތް ﷲ އާ މެދު ނުވަތަ ގުރުއާނާ މެދު ނުވަތަ ކީރިތި ރަސޫލާ އާ މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުން ނުވަތަ އިސްލާމް ދީނާ މެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުމަކީ ކުށެކެވެ.
މީގެ އިތުރުން ބިލުގައި ބޭނުން ކޮށްފައިވާ ބައެއް ބަސްތައް މާނަކޮށްފައި ހުންނާނެ ގޮތް ވެސް ވަނީ ކިޔައިދީފައެވެ. އެގޮތުން އާންމު ތަންތަނުގެ ގޮތުގައި، ޓީވީއާއި ރޭޑިއޯ ފަދަ އަދި ފޯނާއި މީސް މީޑިއާއާއި ހަބަރުފަދަ މުއާސަލާތީ ވަސީލަތްތައް ވަނީ ހިމަނައިފައެވެ.
ބިލުގައި "ކުފުރުގެ ބަސް" ނުވަތަ "ކުފުރުގެ އަމަލު" ކަމަށް ބުނެފައި ވަނީ، އަހުލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި ވަކި އަމަލަކީ ކުފުރުގެ އަމަލެއް ކަމާމެދު ނުވަތަ ވަކި ބަހަކީ ކުފުރުގެ ބަހެއް ކަމާމެދު ޚިލާފެއް ނެތް އަމަލަށާއި ބަހަށެވެ.
ހަމައެހެންމެ "މުރުތައްދުވުން" މާނަކޮށްފައިވަނީ އަހްލުއްސުއްނަތި ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި އެ އަމަލަކީ މުރުތައްދު ވުމުގެ އަމަލެއް ކަމާމެދު ހިލާފެއް ނެތް އަމަލެއް މުސްލިމަކު ކޮށްފި ކަމުގައި ކަނޑައެޅުމަށް، އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުން ކަމާބެހޭ ޝަރުއީ ކޯޓަކުން އެކަން ސާބިތުކޮށް އެގޮތަށް ކަނޑައަޅާ ހާލަތަށެވެ.