ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ބޮޑު ވާހަކަ އިދިކޮޅުން ދައްކާތީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ނުރުހުންފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދަނީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް ފިނޭންސުން އެދިފައިވާ މައްސަލައިގެ ބަހުސެވެ.

ޖަލްސާގައި އިދިކޮޅުން ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ފައިސާ ޗާޕުކުރުމުގެ ބަދަލުގައި، ސިޔާސީ މީހުންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވައިލައިފައެވެ.

މި ވާހަކަތަކާ ގުޅިގެން މަވޯޓާ ވިދާޅުވީ ފައިސާ ޗާޕުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރުން އުޅެނީ "އާއިލާތަކަށް ލިބޭ ކުޑަ މުސާރަކޮޅު" އަތުލަން ކަމަށެވެ.

އެއީ ވެސް ރައްޔިތުން ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ މީހުންގެ މުސާރަ ކަނޑައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"އެ މީހުންގެ [ސިޔާސީ މީހުންގެ] މުސާރަ ކަނޑައިގެން ނުވާނެ، އެ މީހުންނަށް ވެސް ދޭން ވާނެ ވަޒީފާ،" ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ އެ ބޭފުޅުންގެ މުސާރައަކީ އެ އާއިލާތަކަށް ލިބޭ އާމްދަނީ ކަމަށް ވިދާޅުވެ، ވަރަށް ކޯފާ އިސްކުރައްވާ ޝަރީފް ވަނީ ވާހަކަ ދައްކަވައިފައެވެ.

"ބަލަ ސިޔާސީ މަގާމުގައި ވެސް އެ ތިއްބަވަނީ ދިވެހި ރައްޔިތުންނޭ، އެ މީހުންނަށް ލިބޭ މުސާރައަކީ އެތައް އާއިލާއަކަށް އެ ފައިދާ ލިބޭ އެއްޗެއްސޭ، ކިހިނެއްތޯ ވެގެން ތިބޭފުޅުން ތިއުޅުއްވަނީ؟ ކީކޭތޯ ހިތަށް އަރުއްވައިގެން ތި އުޅުއްވަނީ؟،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ފައިސާ ޗާޕުކުރާ މުއްދަތު އިތުރުކުރުމަކީ ދިވެހި ރައްޔިތުންނަށް ޓަކައި، އިގްތިސޯދު ރީބައުންޑު ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ އަގާއި އިންފްލޭޝަން މަތި ވިޔަސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓި، އިގްތިސޯދު ހުއްޓުވާލުމަކަށް ފުރުސަތެއް ނުދެވޭނެ، ސަރުކާރު ހިންގަން ތިބި ބައެއްގެ މަސްއޫލިއްޔަތެއް ހުއްޓިޔަ ނުދީ، ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި ގައުމުގެ އިގްތިސޯދު އަލުން އާރާސްތުކޮށް ބިނާކޮށް، އިހު ހުރި މަގަށް ގެނައުމަށް މަސައްކަތް ކުރުމަކީ،" ޝަރީފް ވިދާޅުވިއެވެ.

ހަމައެހެންމެ އަންނަ އަހަރު ނިމޭއިރު އިގްތިސޯދު ރީބައުންޑުވެ، ރައްޔިތުންގެ ޖީބަށް ޑޮލަރު އެޅި ފުރޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.