16 Nov 2021, 11:44
ވޯލްޑްކަޕް ކޮލިފައިންގްގައި އެންމެ ފަހުން ކޮލޮމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާއަށް މިރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ ކަމަށް ބްރެޒިލްގެ ފުޓުބޯޅަ އިދާރާ (ސީބީއެފް) އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ބްރެޒިލާއި އާޖެންޓީނާ ކުޅޭ މެޗަކީ އަބަދުވެސް ފޯރިގަދަ މެޗެކެވެ. އެންމެ ފަހުން މި ދެ ޓީމުގެ ކުރިމަތިލުން ބްރެޒިލުގައި އޮތް އިރު، އެ މެޗުގެ ވަކި ހިސާބަކުން މެޗު ވަނީ ހުއްޓާލައިފައެވެ.
ވޯލްޑްކަޕް ކޮލިފައިންގްގައި ކުޅުނު އެ މެޗު ހުއްޓާލަން ޖެހުނީ ބްރެޒިލްގެ ސިއްހީ އިދާރައިގެ މުވައްޒަފުންނާއި، ފުލުހުން ދަނޑަށް އަރައި، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ބްރެޒިލްއަށް އެތެރެވީ ދޮގު ހަދައިގެން ކަމަށް ބުނެ ހަމަނުޖެހުން ހިންގުމުންނެވެ.
އޭގެ ކުރިން މިއަހަރު އެ ދެ ޓީމުގެ ކުރިމަތިލުމެއް ދެން އޮތީ ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައެވެ. އެ މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ.
ވޯލްޑްކަޕްގެ ކޮލިފައިންގްގައި މިރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރާ މެޗަށް ދެ ޓީމުން ވެސް ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، ބްރެޒިލްގެ ފޯވާޑް ނޭމާއަށް އަނިޔާވުމަކީ ބްރެޒިލްއަށް ލިބުނު ބޮޑު ގެއްލުމެކެވެ. އެހެން ނަމަވެސް ބްރެޒިލް މިހާރު ވަނީ އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕުން ޖާގައެއް ހޯދައިފައެވެ. މިރޭގެ މެޗުން މޮޅުވެގެން އާޖެންޓީނާ ވެސް ކޮލިފައިވާނެއެވެ.
ކޮލޮމްބިއާ މެޗުން ބްރެޒިލް މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނޭމާ ބްރެޒިލްގެ ސްކޮޑުން ވަކިވި އިރު، އޭނާ ވަނީ އެނބުރި ޕީއެސްޖީއާ ގުޅުމަށް ފްރާންސަށް ދިއުމަށް ތައްޔާރުވެފައެވެ.
ބްރެޒިލްގެ ފުޓުބޯޅަ އިދާރާއިން ބުނީ މިރޭގެ މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ނޭމާއަށް ކުޅެން އުނދަގޫ ވެގެން ހުއްޓާލަން ޖެހުނު ކަމަށާއި، ބްރެޒިލްގެ ޑޮކްޓަރުން އޭނާއަށް ދިމާވި އަނިޔާ އިތުރަށް ބެލުމަށް ޓެސްޓްތައް ހަދާފައިވާ ކަމަށެވެ.