ކޮވިޑް ފެތުރޭތީ އިތުރު ފިޔަވަޅުތައް އެޅުމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މަޝްވަރާ ކުރަން ފަށައިފިއެވެ.

މިވަގުތު ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މާލެ ސަރަހައްދަށް ވުރެ ކޮވިޑް ކޭސްތައް ގިނައީ އަތޮޅުތެރޭގައެވެ. އެގޮތުން އިއްޔެ ހަވީރާ ހަމައަށް އަތޮޅުތެރެއިން 124 މީހުން ޕޮޒިޓިވްވި އިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 19 މީހުންނެވެ.

މިވަގުތު 2،201 މީހުން ކޮވިޑަށް ފަރުވާ ކުރަމުން ދާއިރު، ރާއްޖެއިން މިހާތަނަށް 89،999 މީހުނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާނު މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކުރުމަށާއި، އިތުރަށް އަޅާނެ ފިޔަވަޅުތަކާމެދު ޕޮލިސީ ލެވަލްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އަޅަން މަޝްވަރާ ކުރާ ފިޔަވަޅުތަކާ، ހަރުދަނާ ކުރަން ނިންމާފައިވާ ކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ.

"އަތޮޅުތެރޭ ކޭސްތައް އިތުރުވަނީ މެޝާސްތައް ފޮލޯ ކުރުމުގަ އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރުމުގަ މީހުންގެ ސަމާލުކަން ކުޑަވުމުން،" ތަސްލީމާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތައް މިހާރުވެސް ޓާސްކްފޯސްތަކާއެކު ކުރިއަށް ގެންދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މޮނިޓާކޮށް ބެލެހެއްޓުމުގައި ރަށްރަށުގައި ހުރި ތަންފީޒީ އިދާރާތަކަށް އެކަން ކުރެވޭނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އެޗްޕީއޭއިން އާދީއްތަ ދުވަހު ހެނދުނު އާއްމުކުރި ލިސްޓުގައިވާގޮތުން، މިވަގުތު 31 ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއާ އަޅާ ބަލާއިރު މިދިޔަ މަހު މޮނިޓަރިންގައި އޮތް ރަށްތަކުގެ އެވަރެޖަކީ 15 އެވެ.