ރައީސުލް ޖުމްހޫރިއްޔާ ކަމުން ކުރީގެ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހު މުލީއާގެ އިން ފެނުުނު ބަނގުރާ ހުރި ފުޅިތަކާއި ބަންގުރާ ހުސްކުރި ފުޅިތަކުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މުލިއާގެއިން ބަނގުރާ ފެނުނު މައްސަލައިގެ ތަހުގީގަށް އިބްރާހިމް ރަޝީދު ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު ބަޔާނެއް ހޯއްދަވައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ އޭނާ [ހޯރަ އިއްބެ] ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ސުވާލުތައް ކޮށްފައި. އޭނާ ހައްޔަރެއް ނުކުރަން، ހާޒިރު ކޮށް ސުވާލު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި،" ޝިޔާމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހޯރަ އިއްބެގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ނަޝީދު އިސްތިއުފާ ދެއްވެވި ދުވަހު މުލިއާގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅި އާއި ބަނގުރާ ހުރި ބައެއް ފުޅިތަކުގެ އިތުރުން، ހޭޝް އޮއިލް ބޭނުންކޮށްފައި ހުރި ތަކެތި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެތަކެތި ފުލުހުން ވަނީ ނޫސްވެރިންނަށް ވެސް ދައްކާފަ އެވެ. އެ ދުވަހު މުލިއާގެއިން ނެރުނު، ހޭޝް އޮއިލް ކަމަށް ޝައްކުވާ އެއްޗެއް ހުރީ މޭޒެއްގެ ވަތްގަނޑެއް ވެސް ފުލުހުން ދެއްކި އެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދަ ކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީ އުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާއަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.

ފުލުހުން ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ވެސް ޖަހާފައި ހުރި ކަމަށެވެ. އަދި ވިދާޅުވީ ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ފުޅިތައް ފެނުނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، މުލީއާގެ ތެރެއިން ނެރުނު ކުނި ލޮރީއަކަށް ޝައްކުވެގެން ބެލުމުން ކަމަށެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އޭނާއަކީ ބަނގުރާ ބޯ މީހެއް ނޫން ކަމަށާއި މުލިއާގޭގައި އެފަދަ އެއްޗެއް ނުހުންނާނެ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރުމަށް ރައީސް ނަޝީދު ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ އެކަން ތަހުގީގުކޮށް ދިނުމަށް ޕީޕީއެންގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ވަނީ ޕީޖީއަށް މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.