ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ގޮވާލައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ދަށުން އިސްތިސްނާކޮށްފައިވާ މާއްދާތަކުގެ މުއްދަތު އިތުރުކޮށް، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ދީފައިވާ މުއްދަތު އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުގައި އެދިފައެވެ.

ފިނޭންސްގެ އެދުމަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އޯޑީ ކުރުމުގެ މުއްދަތު އިތުރުކޮށްފިނަމަ އޭގެ ގެއްލުން ދިވެހި ރައްޔިތުންނާއި ދައުލަތަށް ކުރާނެ ކަމަށެވެ. ހަމައެއާއެކު އިގްތިސޯދު ވެސް އިތުރަށް ދަށް ވެގެން ދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ-- ފޮޓޯ / މަޖިލިސް އިދާރާ

އާދަމް ޝަރީފްގެ ވާހަކައިގައި ވަނީ އޯޑީގެ މުއްދަތު އިތުރުކޮށްފިނަމަ، ކުރާނެ ބައެއް ގެއްލުންތަކުގެ މައްޗަށް އަލި އަޅުވައިލައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ކަން ކޮށްފި ނަމަ ޑޮލަރުގެ އަގު އިތުރަށް މަތިވެ، ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށެވެ.

"ހަމަ އެއާއެކީގައި މިހެން މި ގެންނަ ބަދަލުތަކުގެ ސަބަބުން އިންފްލޭޝަން ވެސް މައްޗަށް ދާނެ، ރައްޔިތުންނަށް މީގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނައިރު މިކަން ކުރަން ޖެހޭ ސަަބަބެއް ނުވިސްނޭ ކަމަށާއި އެއީ "ކުރަން ހެޔޮ ވާނެ ވަރުގެ ކަމެއް ނޫން" ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ހާލަތުގައި ބަޖެޓު މެނޭޖު ކުރަން ދަތިވާނަމަ، ސިޔާސީ މީހުން މަދުކޮށް، ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ހަމައެއާއެކު ދެން އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން، އަޅުގަނޑުމެން މެންބަރުންނާއި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ދަށް ކުރަން ޖެހޭނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރަން ދީފައިވާ މުއްދަތު އިތުރުކުރުމާ ދެކޮޅަށް ވާހަކަދައްކަވާ، އާދަމް ޝަރީފް ވަނީ އެކަން ފާސްނުކުރުމަށް މެންބަރުންނަށް ގޮވައިލައިފައެވެ.