16 Nov 2021, 09:56
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު, އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އެދިއްޖެއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ އިސްތިސްނާ ކޮށްފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު، އެ ހުއްދަ ފުރަަަތަމަ ދިނީ މިދިޔަ އަހަރެވެ. އޭރު ވެސް ހުއްދަ ދިނީ ޗާޕުކުރާ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ ބޮޑުނުވާނެހެން އެއް އަަހަރު ދުވަހުގެ މުއްދަތަށެވެ.
އެ މުއްދަތު މިދިޔަ އޭޕްރިލް މަހުގެ 25ގައި ހަމަވުމާ ގުޅިގެން، ފިނޭންސް މިނިސްޓްރީގެ އެދުމާއެކު މަޖިލީހުން ވަނީ އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފާއިތުވި 18 މަސް ދުވަހެއް ހާ ދުވަހުގެ ތެރޭގައި ގާނޫނަށް ގެނައި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.
ހަމައެހެންމެ، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސޯދީ އަދި ސިއްހީ ގެއްލުންތަކުން އަރައިގަނެ، އާންމުންނާއި ވިޔަފާރިވެރިންނަށް ވެސް އެ ކަމުން އެހީ ވެދިން ކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނަނަމަވެސް، ދުނިޔެއިން ކޮވިޑް ބަލި މުޅިން ފިލައިގެން ނުދާތީ އިގްތިސޯދަށް ގިނަ ރިސްކުތަކެއް ހުރި ކަން ފިނޭންސުން ވަނީ ފާހަގަކޮށްފައެވެ.
އެ ކަން ފާހަގަކޮށް ފިނޭންސުން ފޮނުވި ސިޓީގައި ބުނީ ކުރު މުއްދަތެއްގައި ތެރޭގައި އޯވަޑްރޯކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަގަޔާއި، ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
"ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވެސް ޕަބްލިކް ބޭންކު އެކައުންޓު އޯވަޑްރޯ ނުކޮށް، ކުރިއަށް ދިއުމަކީ އިގްތިސޯދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް އެ ކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް،" ފިނޭންސުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ކަންމިހެން އޮތުމާއެކު ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ދަށުން އިސްތިސްނާކޮށްފައިވާ މާއްދާތަކުގެ މުއްދަތު އިތުރުކޮށް، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ދީފައިވާ މުއްދަތު އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަށް ވަނީ އެދިފައެވެ.