16 Nov 2021, 09:26
ކޮވިޑް19 ވެކްސިން ފުރިހަަމަކޮށްފައި ތިބި ހުރިހާ ފަތުރުވެރިންނަށް އިންޑިއާއަށް ދަތުރުކުރެވޭނެހެން އެ ގައުމު ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމަށް އެ ގައުމު ހުޅުވައިލާއިރު ފަތުރުވެރިންނަަށް ހުޅުވާލަނީ ވަކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ އެ ގައުމު ހުޅުވާލައިފައިވަނީ ޗާޓާޑް ފްލައިޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށެވެ. އަދި ވަކި މުއްދަތަކަށްފަހު އިއްޔެ އެ ގައުމުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ކޮމާޝަލް ފްލައިޓުތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށް ވެސް ހުޅުވާލައިފައެވެ.
އިންްޑިއާއަށް ދަތުރުކުރާ ފަތުރުވެރިންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮސްފައިވާ މީހުންނަށް ވާންޖެހެއެވެ. އަދި އެ ގައުމަށް އެތެރެވުމަށް ޓަކައި 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ޓެސްޓް ރިޒަލްޓެއް އޮންނަންޖެހެއެވެ. އަދި އިންޑިއާއަށް އެތެރެވުމަށްފަހު ވެސް ފަތުރުވެރިން ކޮވިޑް ޓެސްޓު ހަދަން ޖެހެއެވެ. ނަމަވެސް ބައެއް ގައުމުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށް ލުއި ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއީ މިދިޔަ އަހަރުގެ މާޗު މަހު އެ ގައުމަށް އައި ކޮވިޑުގެ ހާލަތަށްފަހު ކޮމާޝަލް ފްލައިޓްތަކުން ޒިޔާރާތްކުރާ ބޭރުގެ ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލި ފުރަތަމަ ފަހަރެވެ.