މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރާއްޖެއާއި ސީޝެލްސް ވާދަކުރާ މެޗަށް ދިވެހިންނަށް ޔޫތު މިނިސްޓްރީން ޓިކެޓު ހަދިޔާ ކުރަން ނިންމައިފިއެވެ.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހްމަދު މަހްލޫފު "ސަން"އަށް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ފަރާތުން ލަންކާ - ރާއްޖެ މެޗުގެ 650 ޓިކެޓު ދިވެހި ސަޕޯޓަރުންނަށް ހަދިޔާ ކުރާނެ ކަމަށެވެ.

އެ މުބާރާތުގެ މެޗުތައް މާލޭގެ ދެ ސަރަހައްދަކުން ބޮޑު ސްކްރީންގައި ބެލޭނެ އިންތިޒާމު ވެސް ޔޫތު މިނިސްޓްރީން ވަނީ ހަމަޖައްސައިދީފައެވެ. އެއީ ކާނިވާ ސަރަހައްދާއި ސޯޝަލް ސެންޓަރުގައެވެ.

އެ މުބާރާތުގައި ކޮންމެ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވިއިރު، ލަންކާ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރު އެވެ. އެ ފަހަރު މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.