ސައިކަލެއްގައި ދިޔަ ދެ މީހަކު އައިޖީއެމްއެޗް ކައިރިން ކަނބާ އައިޝާރަނި ހިނގުމުގައި ހުންނަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ހިންގާ އިމާރާތަކަށް ޕެޓްރޯލް ބޮމެއް އެއްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ ދަންވަރު ގާތްގަނޑަކަށް އެކެއްޖަހާ އެހާކަންހާއިރު ސައިކަލެއްގައި ދިޔަ ދެ މީހަކު ޕެޓްރޯލް ބޮމެއް އެ އިމާރާތަށް އެއްލައި ރޯކޮށްލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް އެމީހުން އެއްލި ޕެޓްރޯލް ބޮން ވެއްޓިފައި ވަނީ އިމާރާތުގެ ދޮރުމައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވަގުތު އެ ދެ މީހުން އެ ސަރަހައްދުން ވަނީ ފިލައިގެން ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން އިމާރާތަށް އަދި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހޯދަން ޖެހޭ މީހުންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް އަދި ވިދާޅުވީ އެ ހާދިސާގެ އިތުރުން ރޭގެ ވަގުތެއްގައި ގަލޮޅު ވިލީފުލުސް އިމާރާތުގެ ބޭރު ފާރުގައި ވެސް ބަޔަކު ރޯކޮށްލާފައިވާ ކަމަށާއި އެ މައްސަލަތައް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

"ޕެޓްރޯލް އަޅައިގެން ހަދާފައި އޮތް އެއްޗެއް ރޯކޮށްލާފައި އެއްލާފައި އޮތީ. އެ އަމަލް ހިންގި މީހުން ހޯދަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.