ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ އަދި އިންޑިޔާގެ އެސްއެފްއެލް ފިޓްނެސް ކުންފުނީގެ ޑައިރެކްޓަރު ކާޝިފް ޚާނާއި އިތުރު ބަޔަކު ބައިވެރިވެ، މީހެއްގެ އަތުން އޮޅުވާލައިގެން 1.5 ކުރޯޑު ރުޕީސް ފޭރިގަތް މައްސަލައެެއް ފެންމަތިވެއްޖެއެވެ.

އެމީހާ ވަނީ އެމައްސަލަ 2014 ވަނަ އަހަރުގެ ޖުލައި މަހުގައިވެސް ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެ ފައިސާ އެމީހާގެ އަތުން ފޭރިގެންފައިވަނީ ފައިދާ ލިބޭނޭ ކަމަށް ބުނެ އިންވެސްޓްކޮށްގެންނެވެ.

އަނެއްކާވެސް މިދިޔަ ހޮނިހިރު ދުވަހު މި މައްސަލަ އިންޑިއާގެ ބަންދްރާގެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު ފައިސާ ފޭރިގަނެފައިވަނީ ޔާޝް ނިތިން ބަރާއީ ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.

ބަންދްރާގެ ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުތަކަށް ބަލާއިރު ޝިލްޕާއާއި އޭނާގެ ފިރިމީހާ އަދި ކާޝިފް ހާން، ޔާޝްގެ އަތުން ފައިސާ ފޭރިގަނެފައިވަނީ ފިޓްނެސް ފްރާންޗައިޒީއެއް ހެދުމަށާއި ވިޔަފާރިން ލިބޭ މަންފާ ބޮޑު އަދަދަކުން ޔާޝްއަށް ހިއްސާ ކުރާނެކަމަށް ބުނެ ވައުދުވެފައެވެ. އަދި އެކަމަށް އެއްބަސްވެ ޔާޝްގެ ބައްޕަގެ އެހީތެރިކަމާއެކު 2014 ވަނަ އަހަރު އޭނާ ވަނީ ތިން މަސް ދުވަހަށް ބަހާލައިގެން 1.5 ކުރޯޑު ރުޕީސް އިންވެސްޓް ކޮށްފައެވެ. ނަމަވެސް ފައިސާ އިންވެސްޓް ކުރުމަށްފަހު ވިޔަފާރި ފެށުމުގެ މަސައްކަތެއް އެއްވެސް ޑިރެކްޓަރަކު ނުކުރާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޔާޝްއާއި އޭނާގެ ބައްޕަ ވަނީ އެކަމާ ގުޅިގެން ކާޝިފްއާ ބައްދަލުކޮށް ވިޔަފާރި ފެށުން ލަސްވާތީ އެކަމާ ސުވާލުކޮށްފައެވެ. އަދި ކާޝިފް ބުނެފައިވަނީ އެކަން އޭނާއަށް ނުވާނޭ ކަމަށާއި އިންވެސްޓްކޮށްފައި ހުރި ފައިސާތައް އަނބުރާ ދޭނެކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ފައިސާ އަނބުރާ ދޭނެ ކަމަށް ބުނުމުން އެމީހުން އޭރު އެމައްސަލަ ނެގިއެވެ.

ނަމަވެސް ފައިސާ ނުދީ ލަސްވާތީ އަނެއްކާވެސް މައްސަލަ ހުށަހެޅީއެވެ. އަދި އެ މައްސަލަ ފުލުހުންނަށް އަލުން ހުށަހަޅާފައިވާތީ ކާޝިފް ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޝިލްޕާ ކުރި ޓްވީޓެއްގައިވާ ގޮތުން މިކަމުގައި އޭނާއާއި އޭނާގެ ފިރިމީހާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ އެވެ. އަދި ހުރިހާ މުއާމަލާތްތަކެއް ހިނގީ ޔާޝްއާއި އޭނާގެ ބައްޕައާ ކާޝިފްއާ މެދުކަމުގައި ކަމަށް ޝިލްޕާ ބުންޏެވެ. އަދި މިފަދަ ދޮގު ޚަބަރުތައް އޭނާގެ ނަން ބޭނުންކޮށްގެން ފަތުރަމުން ދާތީ އޭނާ ވަރަށް ދެރަވާކަމަށާއި ނަމަށް ހުތުރުވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

މަސްދަރު: އިންޑިއަންއެކްސްޕްރެސް.ކޮމް