15 Nov 2021, 20:43
އއ. މަތިވެރި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖު (އެލްކޭޖީ، ޔޫކޭޖީ)ގެ ޓީޗަރަކު މާ ގިނައިން ސަލާމް ބުނާތީ ކުދިންގެ ކިޔެވުމަށް ގެއްލުންވާތީ، ބެލެނިވެރިން އިހުތިޖާޖު ކޮށްފިއެވެ.
މި މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ މަތިވެރި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ކުދިން މިއަދު ސްކޫލަށް ފޮނުވަން ވެސް ބެލެނިވެރިން ވަނީ ދެކޮޅު ހަދާފައެވެ.
މި މައްސަލަ ބޮޑުވެގެން މިއަދު ހެނދުނު އެ ސްކޫލު ކުރިމަތީގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވި ބެލެނިވެރިޔަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ސްކޫލުގައި މިދިޔަ އަހަރުން ފެށިގެން ވެސް ތިބެނީ ދެ ޓީޗަރެކެވެ.
މައްސަލަ އުފެދެން ފެށީ އާންމުކޮށް އެއް ޓީޗަރަކު ސަލާމް ބުނާ ހިސާބުން ކަމަށް އޭނާ ބުންޏެވެ.
ދެ ކްލާސް ހުންނައިރު، ކޮންމެ ކްލާހެއްގައި 20-23 ވަރަކަށް ކުދިން ތިބެއެވެ.
"20-23 ކުދިން ތިބޭއިރު، އޭގެ ތެރޭގައި އެބަތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް. އެހެންވީމަ ކިހިނެއްތޯ އެއް ޓީޗަރަކަށް ކިޔަވައިދެމުން، ކުދިން ކޮންޓްރޯލް ކުރާނީ." އޭނާ ބުންޏެވެ.
އޭނާ ބުނީ މި ކަން މައްސަލައެއްގެ ގޮތުގައި ސްކޫލުގެ ލީޑިން ޓީޗަރަކަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
"އެއް ޓީޗަރަށް ނުވެގެން ގަޑި ކުރުކޮށްލާ އެބަ. ތިން ގަޑިއިރުގެ ކްލާސްތައް އެއް ގަޑިއިރަށް ބަދަލުކޮށްފައި އެބަހުރި. މިހާރުވެސް ހަފުތާއެއް މި ވީ 30 މިނެޓު ކުރިން ކްލާސް ނިންމާލާތާ," އޭނާ ބުންޏެވެ.
ކްލާހަށް ކަނޑައަޅާފައި އޮންނަ ގަޑި ކުރު ކުރުމަކީ ވެސް މައްސަލައަކަށް ވާއިރު، އޭނާ ބުނީ ދެ ޓީޗަރުން އެއްފަހަރާ ސަލާމް ބުނެގެން ކެންސަލް ކުރި ކްލާހެއް މިއަދާ ހަމައަށް އައިއިރު ވެސް ނަގައިދީފައެއް ނުވެއެވެ.
"ދެ ދުވަހެއް ދިޔަ، ކްލާސް ގަޑި ޖެހުނުއިރު ޓީޗަރެއް ނެތިގެން ކުދިންނަށް ކްލާހަށް ނުވަދެވި. ޓީޗަރުން ވެސް އަސްލު ފަރުވާ ކުޑައީ," އޭނާ ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭތީއާއި ދެ ޓީޗަރުންނަށް ކިޔަވައި ނުދެވޭތީ އިތުރު ޓީޗަރަކު ހަމަޖައްސައިދިނުމަށް ސްކޫލް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީގައި ވެސް ބެލެނިވެރިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން މަތިވެރި ސްކޫލުގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމް "ސަން"އަށް ވިދާޅުވީ، ތިން ޓީޗަރުން ހަމަޖައްސަން ފުރިހަމަވާން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ މިނިސްޓްރީން ހުއްދަ ނުދިން ކަމަށެވެ.
"އާންމު އުސޫލުގެ ދަށުން ކޮންމެ 25 ކުއްޖަކަށް އެއް ޓީޗަރު ހަމަޖެހެނީ. އަޅުގަނޑުމެންގެ މި ތިބެނީ 43 ކުދިން. އެހެން ނަމަވެސް ބައެއް ސްކޫލުތަކުގައި އާބާދީ މަދުއިރު ވެސް ތިން ޓީޗަރުން ތިބި ކަމަށް ބެލެނިވެރިންގެ ފަރާތުން ޝަކުވާ ލިބިފައި އެބަހުރި." ހަމީދު ވިދާޅުވިއެވެ.
މި މައްސަލަ ހައްލު ކުރުމަށް ޓަކައި މިއަދު ހެނދުނު ޕްރީސްކޫލްގެ ބެލެނިވެރިންނާއެކު ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރި ކަމަށް ހަމީދު ވިދާޅުވިއެވެ.
އެ މައްސަލަ އުފެދުނީ އެއް ޓީޗަރުގެ ހާޒިރީ ދަށްވުމުން ކަމަށްވާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
މި މައްސަލައިގައި ބެލެނިވެރިން ނިންމާފައި އޮތީ ދެ ޓީޗަރުން ހަމަވުމުން ކުދިން ސްކޫލަށް ފޮނުވާ ގޮތަށެވެ. އަދި ސީދާ ބެލެނިވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން، އިތުރު ޓީޗަރަކު ހަމަޖައްސައިދޭން އެދޭނެ ކަމަށް ވެސް "ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.