ކައުންސިލް ތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މިސްކިތަކާއި އިމާމުން މިނިސްޓްރީގެ ބެލުމުގެ ދަށަށް އަލުން ގެންދާނެ ކަމަށާއި އެކަން ކުރަން ބަންޑާރަ ނައިބުގެ ލަފައަކަށް އެދި ވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނުނަށް އިސްލާހެއް ގެނެސްގެން ނަމަވެސް މިސްކިތްތަކާއި އިމާމުން އިސްލާމިކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކު ދަށަށް މިސްކިތައް ގެންދިއުމުން މިނިސްޓްރީގައި ޝަކުވާތައް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތައް މަރާމަތުކުރުމަށް ބަޖެޓް ނުލިބުމާއި މިސްކިތްތަކައް ބޭނުންވާ ސާމާނު ގަންނަން ދަތިތައް ކުރިމަތިވުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް ބޮޑެތި މިސްކަތްތަކުގެ އިމާމުން ކުދި މިސްކިތްތަކަށް ސިޓީ ކައުންސިލުން ބަދަލުކުރުމުގެ ޝަކުވާ ވެސް މިނިސްޓްރީއަށް ލިބޭ. އެކަން ކަން ބަލައި އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތަކާއި އިމާމުން ގެނައުމަށް ޓަކައި ބަންޑާރަ ނައިބުގެ ލަފަޔަކަށް ވާނީ އެދިފައި. ބަންޑާރަ ނައިބުގެ ލަފާ އަންނަ ގޮތަށް އަޅުގަނޑު އަމަލު ކުރާނީ. ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރަން ޖެހުނު ނަމަވެސް އެކަން ކުރާނެ ކަމުގެ ވިސްނުމެއް އަޅުގަނޑުމެން މިގެންގުޅެނީ،" އާދަކޮށް އިމާމުވެ ނަމާދާއި ހުކުރު ނަމާދު ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިސްކިތްތައް އަލުން މިނިސްޓްރީ ދަށަށް ގެންދިޔަ ނަމަވެސް ކައުންސިލްގެ ދައުރު ހަނިކުރަން މަސައްކަތް ނުކުރައްވާނެ ކަމަށާއި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކައުންސިލްތަކާއި ގުޅިގެން ކަމަށެވެ.

ކައުންސިލްތަކުގެ ދަށަށް މިސްކަތްތަކާއި އިމާމުން ގެންދިޔައީ ގާނުނާއި އެއްގޮތަށް ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި މިހާރުން މިހާރަށްވެސް މިނިސްޓްރީގެ ދަށަށް އިމާމުން ގެންގޮސް މިސްކިތްތަކުގައި އިމާމުންނަށް ދީނީ ނަސޭހަތް ދެއްވޭނެ ގޮތާއި މިސްކިތްތަކުގެ ބަޖެޓް މިނިސްޓްރީން ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިމާމުންނަށް ދީނީ ނަސޭހަތް ދެއްވޭނެ ގޮތް ހަދައި ދިނުމާއި ތަމްރީނު ދިނުމުގެ އިހުތިސާސު ކައުންސިލުން ކުރެވޭނެ ކަމަށް ގާނޫނުގައި އެހާ ތަފްސީލްކޮށް ބުނެފައެއް ނެތް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިން އިސްލާމިކް މިނސްޓްރީން އެކަން ކޮށްފައިވަނީ އެންމެ ރަނގަޅު ގޮތަކަށް ނޫން. އިމާމުންގެ އެންމެހާ މަސްއޫލިއްޔަތުތައް އެތަންތަނާ [ކައުންސިލާއި] ހަވާލުކޮށްފައިވަނީ ގާނުނޫގައި ލާޒިމް ނުކުރާ ކަންތައްތައް،" ކުރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވި ދީނީ އިލްމުވެރިޔާ އަދި ގާނޫނީ ވަކީލު ވިދާޅުވި އެވެ.

މިނސްޓަރު ވިދާޅުވީ ވަރަށް ގިނަ ކައުންސިލް އިދާރާތަކުންނާއި އިމާމުންނާއި އާންމުން ވެސް މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް މިނސްޓްރީން ގެންދަން އެދޭ ކަމަށާއި އެގޮތުގެ މަތިން އެކަން ކަން ކޮށް ދެއްވާނެ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލޭގެ އިސްލާމީ މަރުކަޒު ފިޔަވައި އެހެން ހުރިހާ މިސްކިތްތަކެއް ކައުންސިލްތަކާ ހަވާލުކުރީ މިދިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.