ތިމާ ތަހައްމަލު ކުރަމުންދާ ތަދާއި ވޭނާއި ކެކުޅުން އެހެން މީހުންނަށް އިހުސާސު ކުރެވޭނީ އެ ތަދާއި ވޭނާއި ކެކުޅުން އެ މީހަކަށް ތަހައްމަލުކުރަން ޖެހުމުންނެވެ.

އުރަމަތީގެ ކެންސަރަކީ އެތައް ވޭނެއް އެކުލެވޭ ބައްޔެކެވެ. މިބަލި ތަހައްމަލު ކުރަމުންދާނަމަ ސިއްހީ ލަފާދާރުން ކަންކުރަންވީގޮތް ބުނެދެމުން ދާނެއެވެ. ދިމާވެދާނެ ބައެއް އުނދަގޫތައްވެސް ބުނެދޭނެއެވެ. އަދި އެބަލި ތަޖުރިބާކޮށްފައި ހުރި ފަރާތެއްނަމަ ކަންތައް ކުރަންވީ ގޮތް ދެނެގެންނަށް ބަލި ތަހައްމަލު ކުރަމުންދާ ފަރާތަށް ފަސޭހަވެގެންދާނެއެވެ.

އިސްތަށި ފޭބުމާއި ތަދުވުން

އުރަމަތީގެ ކެންސަރުގެ ސަބަބުން ބޮލުގެ އިސްތަށިގަނޑުގައި އެކުލެވޭ ފޮލިކްލް މަރުވެއެވެ. އެކަމުގެ ސަބަބުން އިސްތަށިގަނޑު ނިކަމެތިވެ ބޮލުގެ އިސްތަށިތައް ފައިބަންފަށައެވެ. އަދި އެ ހާލަތުގައި ބޮލަށް ވަރަށް ތަދުވެއެވެ.

ބަލި ތަޖުރިބާކޮށްފައިވާ ގިނަ ފަރާތްތަކުން ލަފާދެނީ ބަލީގެ ސަބަބުން ބޮލުން އިސްތަށި ފޭބުމުގެ ކުރިން ރޭޒަރެއްގެ އެހީގައި ބޯ ބޭލުމަށެވެ. ނޫންނަމަ އެ ހާލަތު މެދުވެރިވާ ހިނދު މާ ބޮޑަށް ވޭންއަޅާކަމަށް އެމީހުން ބުނެއެވެ.

ބަލީގެ ދިމާވާ މިފަދަ ކަންކަމަށްވެސް ދެވޭނޭ ފަރުވާއެއް ވޭތޯ ޑޮކްޓަރުންނާ ސުވާލުކޮށް އޮޅުންފިލުވާ ސިއްހީ އެހީ ހޯދުމަކީ މުހިންމުކަމެކެވެ.

މާބޮޑަށް ބަރުދަން އިތުރުވުން

އުރަމަތީގެ ކެންސަރު ޖެހުމުގެ ސަބަބުން ކެންސަރުގެ ސެލްތައް މަރާލުމަށްޓަކައި ދެވޭ ކީމޯތެރަޕީގެ ސަބަބުން ބައެއް މީހުންގެ ބަރުދަން ލުއިވެއެވެ. ނަމަވެސް މި ތެރަޕީއަށް ފަހުގައި ބަލި ތަހައްމަލުކުރާ ގިނަ މީހުންގެ ބަރުދަން އިތުރުވެއެވެ.

މިކަމާ ކުރިމަތިލުމަށްޓަކައި ބަލި ޖެހިފައިވާ މީހާ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް ތައްޔާރުވާންޖެހޭނެއެވެ.

އެއްދާންކުރާއިރު ތަދުވުން

ލުޕްރޮން ފަދަ ހަށިގަނޑުގެ ހޯމޯންތައް ކޮންޓްރޯލްކުރުމަށް ދޭ ބޭސްތަކުގެ ސަބަބުން ބަލި ޖެހިފައިވާ މީހާގެ ފަރުޖުގެ ތެރޭގެ މަސްތަކުގެ ތެތްކަން ކުޑަކޮށްލައެވެ. މިކަމުގެ ސަބަބުން އެއްދާންކުރާއިރު ތަދުވެ، އެކަމުގެ މޫޑު އޮފް ކޮށްލައެވެ.

މިކަންކަމުގެ ހައްލު ހޯދުމަށްޓަކައި ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާ މަޝްވަރާ ކުރުމަކީ ރަނގަޅު ފާލެކެވެ.

ފަރުވާއަށްވުރެ ދިރިއުޅުން އުނދަގޫކަމަކަށް ވެދާނެ

ކެންސަރުގެ ފަރުވާތަކަކީ ވޭންހުރި ތަދު ތަހައްމަލުކުރަން ޖެހޭ ފަރުވާތަކެކެވެ. ނަމަވެސް ބަލިން އަރައިގަތުމަށްފަހު ނަފުސާނީ ގޮތުން ބަލި ޖެހުނު މީހާއަށް ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ.

ހާއްސަކޮށް ބަލި މީހާގެ ގާތުގައި ދިރިއުޅޭ މީހުންނަށް ބޭނުންހާ ކަމެއް ކުރެވި، ދުވެ ފުމެ ހެލިފެލިވެ އުޅޭ މަންޒަރު ފެނުނު ނަމަވެސް އެމީހާއަށް އެގޮތަށް ނޫޅެވޭނެކަން އިހުސާސްވުމުން އެއީ އުނދަގޫ ކަމަކަށް ވެދާނެއެވެ.

ނަމަވެސް މިކަންކަމާ ފަސްނުޖެހި ކުރިމަތިލުމަށްޓަކައި ނަފުސާނީ ބަލީގެ ޑޮކްޓަރުންގެ ޓީމްތަކުގެ މަޝްވަރާތައް ހޯދުން މުހިންމެވެ. ކެންސަރުގެ ފަރުވާއަށްފަހު ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސިއްހީ ތަފާތު ޓީމްތަކާއި ޖަމިއްޔާތައް އެކުލަވައިލެވިފައިވާއިރު އެއީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މަސްދަރު: ހެލްތްލައިން.ކޮމް