މަގުބޫލު ސީރީޒް ފްރެންޑްސްގެ ތަރި، ކޯޓްނީ ކޮކްސް ނުވަތަ މޮނިކާއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަގައިފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ރައީސް ނަޝީދުއާއި އިތުރު ބަޔަކާއެކު ލަންޑަންގައި ނަގައިފައިވާ މި ފޮޓޯ ކޯޓްނީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

މި ފޮޓޯއަކީ "ސޯފީ އެންޑް ދާ ބޭރަން"ގެ ސްކްރީނިންގައި ނަގައިފައިވާ ފޮޓޯއެކެވެ. "ސޯފީ އެންޑް ދާ ބޭރަން" އަކީ މަޝްހޫރު ފޮޓޯގްރާފާ ބޭރަންއާއި ކުރިއަރަމުން އަންނަ އާޓިސްޓު ސޯފިއާ ރިފްނާގެ ރަހުމަތްތެރިކަން ދައްކުވައިދޭ ފިލްމެކެވެ.

ކޯޓްނީ ކޮކްސް އަކީ މި ފިލްމުގެ ޕްރޮޑިއުސަރެއް ވެސް މެއެވެ.

އެހެންނަމަވެސް ރައީސް ނަޝީދަށް މި ސްކްރީނިން ދައުވަތު ދީފައިވަނީ ކޮން ގޮތަކުން ކަމެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުން ފެށިގެން 2004 އާ ހަމައަށް ކުރިއަށް ގެންދިޔަ ސިޓްކޮމް ފްރެންޑްސްގައި ކޯޓްނީއަކީ މެއިން ކާސްޓުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާ ވަނީ މޮނިކާގެ ރޯލުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފައެވެ.

ކޮޕް26 ގައި ބައިވެރި ވުމަށް ރައީސް ނަޝީދު މިދިޔަ މަހު ސްކޮޓްލޭންޑަށް ވަޑައިގަތުމަށްފަހު، މިހާރު ހުންނެވީ އެމަނިކުފާނުގެ އާއިލާ ގާތުގައި އިނގިރޭސިވިލާތުގައެވެ.