15 Nov 2021, 14:50
ލުހުންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލީ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ. އެ ފަހަރު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ ނޮވެމްބަރު 16 ވަނަ ދުވަހާ ހަމައަށެވެ.
އެހެން ނަމަވެސް، މިހާރު އެ މުއްދަތު ވަނީ ނޮވެމްބަރު 30ވަނަ ދުވަހުގެ 16:00އާ ހަމައަށް އިތުރުކޮށްފައެވެ
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް 10 ގެ ފެންވަރު ހުރި ނުވަތަ ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ފަންނީ ދާއިރާއަކުން ތިން މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް، އެކޯހުން ފާސްވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި އިސްކޮޅު، ފިރިހެނެއް ނަމަ 5 ފޫޓް 1 އިންޗި، އަންހެނެއް ނަމަ 4 ފޫޓް 8 އިންޗިއަށްވުރެ ކުރުވެގެން ނުވާނެއެވެ.
ހަމައެހެންމެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، މިމުއައްސަސާގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެއެވެ.
ޕޮލިސް ކޮންސްޓަބަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ، ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ، އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސެންޓް (1،860 ރުފިޔާ)، އަދި ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.