15 Nov 2021, 15:56
ނިއުދިއްލީ (15 ނޮވެމްބަރު): އެމެރިކާގެ ބިރުދެއްކުންތަކާއެކުވެސް ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަތުމުގެ ކަންތައް އިންޑިއާ ކުރިޔަށްގެންދާ ކަމަށާއި އިންޑިއާއިން ގަންނަ ރަޝިއާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ބައިތައް އިންޑިއާއަށް ފޮނުވަން ފަށާފައިވާކަން ރަޝިއާއިން ހާމަކޮށްފިއެވެ.
ރަޝިއާގެ ހަތިޔާރު ބޭރުގައުމުތަކަށް ވިއްކުމުގައި ހަރަކާތްތެރިވާ "ރަޝިއަން ސެންޓާ ފޯ އިންޓަނޭޝަނަލް މިލިޓްރީ ޓެކްނިކަލް ކޯޕަރޭޝަން" އިން ބުނިގޮތުގައި ރަޝިއާއިން އުފައްދާ މިސައިލް އައްޑަނައިގެ އެންމެ އެޑްވާންސް ނިޒާމުކަމަށްވާ އެސް-400 މަރުކާގެ ނިޒާމުގެ ބައިތައް މިހާރުވަނީ އިންޑިއާއަށް ސަޕްލައި ކުރަންފަށާފައެވެ.
އިންޑިއާއިން ގަންނަނީ މިނިޒާމުގެ ފަސް ޔުނިޓެވެ. މި ފަސް ޔުނިޓް ގަތުމަށް ބޭނުންވާ ފައިސާގެ ތިންބައިކުޅަ ދެބައި އިންޑިއާ މިހާރުވަނީ ރަޝިއާއަށް ދީފައެވެ. އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ފަސް ޔުނިޓް ގަތުމުގެ އެއްބަސްވުމުގައި އިންޑިއާ، ރަޝިއާއެކު ސޮއިކުރީ 2018 ވަނަ އަހަރުއެވެ.

ރަޝިއާގައި އުފައްދާ އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު
މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނާ އަދި އޭގެ ފަހުންވެސް އެމެރިކާވަނީ ރަޝިއާއިން ހަތިޔާރު ނުގަތުމަށް އިންޑިއާއަށް އިންޒާރު ދީފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް އޭނާވަނީ މިއެއްބަސްވުން އުވާލައި ރަޝިއާގެ ހަތިޔާރުގެ ބަދަލުގައި އެމެރިކާގެ ހަތިޔާރު ގަތުމަށް އިންޑިއާއަށް އިލްތިމާސްކުރައްވާފައެވެ. އޮސްޓިންވަނީ އިންޑިއާއަކީ އެމެރިކާގެ ބައިވެރިއަކަށް ވީނަމަވެސް ރަޝިއާގެ ހަތިޔާރު ގަންނަނަމަ އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އޮސްޓިންގެ މި އިލްތިމާސްއާއި އިންޒާރަށް ސީދާ ގޮތެއްގައި އިންޑިއާ ސަރުކާރުން ރައްދު ނުދިންނަމަވެސް އިންޑިއާގެ ނޫސްތަކުންވަނީ އިންޑިއާއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމާއި އިންޑިއާ ހަތިޔާރު ގަންނަންވާ ގައުމުތަކާއި ގަންނަންވާ ހަތިޔާރު ކަނޑައަޅާނީ އިންޑިއާ ސަރުކާރު ކަމަށާ އެކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ބުނެ ރިޕޯޓްތަކާއި ޚަބަރުތައް ޝާއިޢުކޮށްފައެވެ.
އިންޑިއާއަކީ ރަޝިއާއިން އުފައްދާ އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމު ގަންނަ ހަތަރުވަނަ ގައުމެވެ. އިންޑިއާގެ ކުރިން ތުރުކީ، ސޫރިޔާ އަދި އީރާނުންވަނީ އެމަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުތައް ރަޝިއާއިން ގަނެފައެވެ.
އިންޑިއާއަކީ ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އެކުލަވާލާފައިވާ "ކުއެޑް" ޖަމާއަތުގެ މެންބަރެކެވެ. އެހެންކަމުން ރަޝިއާއިން މިސައިލް އައްޑަނައިގެ ނިޒާމު ގަތްމައްސަލާގައި އިންޑިއާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ސިޔާސީ އަދި ސްޓްރެޓީޖިކް ގެއްލުން އެމެރިކާއަށް ދައްކާނެކަމަށް މުރާސިލުން ދެކެއެވެ.
އަނެއްކޮޅުން އެމެރިކާގެ ހަތިޔާރު ގަތުމަށް ގައުމުތަކަށް މަޖްބޫރުކުރުމާއި ރަޝިއާގެ ހަތިޔާރު ގަންނަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ހިސާބަށް އެމެރިކާގެ ހާލަތު ދިޔުމަކީ ހަތިޔާރު މާކެޓް ކުރުމާއި ހަތިޔާރުގެ ދާއިރާގައި ރަޝިއާ ވާދަކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ކުޑަވަމުންދާ ކަމެއްގެ ގޮތުގައި ސްޓްރެޖިސްޓުން ސިފަކުރެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރު ދައްކައިގެން ގައުމުތަކަށް ހަތިޔާރު މާކެޓްކުރަންޖެހޭ ހިސާބަށް އެމެރިކާގެ ހާލަތު ދިޔުމަކީ އެމެރިކާ ބަގޫލުކުރާ މިނިވަންވިޔަފާރީގެ އަސާސްތަކާވެސް ޚިލާފު ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރައްވައެވެ.
އެމެރިކާވަނީ ރަޝިއާއިން އެސް-400 މިސައިލް އައްޑަނައިގެ ނިޒާމު ގަތް މައްސަލާގައި ތުުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އީރާނާއި ސޫރިޔާއަކީ އެމެރިކާއަށް ނުކިޔަމަންތެރިވާތީ މާކުރިންވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެގައުމެވެ.