ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އުތުރުން ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައި މިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން 15:30 އަށެވެ.

މެޓް އޮފީހުން ބުނީ މިއަދު އިރު އޮއްސުމާ ހަމައަށް އުތުރުގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން އެންމެ ފަހުން ޔެލޯ އެލާޓް ނެރުނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ޔެލޯ އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް، ހަވީރު 16:00އިން 22:00އަށެވެ.