ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ހުޅަނގުގެ ގައުމުތަކަށް ފެހިސިގްނަލް ދެއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު ބަދަލުވުމުން އިސްތިއުފާދޭން ޖެއްސި ކަމަށް ސްރީލަންކާގެ އެނަޖީ އެންޑް ޕަވާ މިނިސްޓަރު ޕަޓާލީ ޗަންޕިކާ ރޮނޯކާ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ ދަ ސަންޑޭ އޮބްޒާވާއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް ދެކުނު އޭޝިއާ ސަރަހައްދުގެ މުހިއްމުކަން އޮތް މިންވަރާ މެދު ވާހަކަ ދައްކަވަމުން ޕަޓާލީއާ ހަވާލާދީ އެ ނޫހުގައި ވަނީ ނަޝީދު ވެރިކަމަށް ވަޑައިގަތީ ހުޅަނގަށް ފެހި ސިގްނަލް ދޭ "ބޯއީއެއް" ގޮތުގައި ކަމަށާއި ނަމަވެސް ހުޅަނގުން ރާއްޖޭގައި އެންމެ ސެންޓެއް ވެސް އިންވެސްޓް ނުކުރުމުން އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބަދަލުކުރެއްވީ ކަމަށެވެ.

"މިސާލެއްގެ ގޮތުން ބަލާ ދިވެހި ރާއްޖެ އަށް، ނަޝީދު ވެރިކަމަށް ވަޑައިގަތީ ހުޅަނގުގެ ބާރުތަކަށް ފެހި ސިގްނަލް ދޭ ކުއްޖެއްގެ ގޮތުގައި. ނަމަވެސް ދެތިން އަހަރު ތެރޭގައި ނަޝީދަށް ވިސްނިވަޑައިގަތީ އެމަނިކުފާނުގެ ގައުމުގައި ހުޅަނގުން އެންމެ ސެންޓެއް ވެސް އިންވެސްޓް ނުކުރާ ކަން. ދެން އެމަނިކުފާނު ސިޔާސަތު ބަދަލުކުރެއްވައި އިންޑިޔާ އާއި ޗައިނާ އަދި ސްރީލަންކާއާ އެކު ގުޅުންތައް ބަދަހިކުރެއްވުމުން ނަޝީދު އަށް ވަނީ އިސްތިއުފާދޭން ޖައްސާފައި،" ޕަޓާލީ ވިދާޅުވި ކަމަށް ސަންޑޭ އޮބްޒާވާގައިވެ އެވެ.

މިގަރުނުގައި ވިޔަފާރީގެ ހަރަކާތްތަކުގެ ހަބަކަށް ވާނީ ދެކުނު އޭޝިޔާ ސަރަހައްދު ކަމަށާއި ހާއްސަކޮށް، ސްރީލަންކާ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ޕަޓާލީ ވިދާޅުވެފައި ވަނީ ސްރީލަންކާގެ ތަމަޅައިން އަލުން ގުޅި، ބާރު ގަދަވުމަށް އެމެރިކާ އާއި ހުޅަނގުން އެހީތެރިވެދެމުން އަންނަ ކަމަށެވެ. އެގޮތުން ތަމަޅައިންގެ ހަނގުރާމަވެރި ޖަމާއަތް، ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް ]އެލްޓީޓީއީ[ އަށް ތާއީދުކުރާ މީސް މީހުންނަށް އިނގިރޭސިވިލާތުގެ ބައެއް ޕާލަމެންޓް މެމްބަރުން ވަޒީފާ ދެއްވައިގެން އަރިހުގައި ގެންގުޅުއްވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.
އަދި އެކަމުގެ ބޭނުނަކީ އެލްޓީޓީއީ މެދުވެރިކޮށް ސްރީލަންކާގެ ހަމަޖެހުން ނަގާލުން ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.

އޭޝިޔާ ސަރަހައްދަށް ހުޅަނގުން އަތްގަދަ ކުރުމަށް އެމީހުން ވަނީ ގައުމުތައް ބައިބައި ކޮށް، އެމީހުން ނަށް އެއްބާރުލުން ނުދެއްވާ ބޭފުޅުން ގައުމުތަކުގެ ވެރިކަމުން ދުރުކޮށްފައި ކަމަށް ވެސް ޕަޓާލީ ތުހުމަތުކުރައްވާފައިވެ އެވެ.

"އެމީހުން އަފުޣާނިސްތާނު ހަލާކުކޮށްލި. އެމީހުން ދަނީ ޕާކިސްތާނާއި ރަޝިޔާއާ ހަމައަށް ހުރި މެދުތެރޭ އޭޝިއާގެ ގައުމުތައް ކަމަށްވާ އުޒްބެކިސްތާނާއި ކަޒަކިސްތާނުގެ ހަމަޖެހުން ނަގާލަމުން. އެމީހުން އިންޑޮނޭޝިޔާ ބައިބަޔަށް ބެހި، އެމީހުން ދަނީ އަޗޭ ވަކި ގައުމަކަށް ހަދަން މަސައްކަތް ކުރަމުން. އެމީހުން މެލޭޝިޔާގައި މަހާތީރު ވެރިކަމުން ދުރުކުރި. އެމީހުން ވަނީ ތައިލެންޑުން ތަކްޝިން ޝިނަވަޓްރާ ފައްސާލާފައި." ޕަޓާލީ ވިދާޅުވި ކަމަށް ސަންޑޭ އޮބްޒާވަރުގައިވެ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ވާހަކަ ޕަޓާލީ ގެންނަވާފައި ވަނީ އެމެރިކާ އާއި ހުޅަނގުން އެމީހުންގެ ބާރު ގައުމުތަކުގައި ގަދަކުރުމަށް އެމީހުންނަށް އެއްބާރުލުން ނުދޭ ވެރިން ދުރުކުރުމުގެ މި މިސާލުތައް ވިދާޅުވަމުން އެއާ ގުޅުވައިގެންނެވެ.