ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މާލޭގައި ހިންގާ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ޝަރީފް ހިންގާ އަންނައުނު ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަލް އަމީން ނަމަކަށް ކިޔާ މި މީހާ ގެއްލިގެން ޝަރީފް ރޭ ވަނީ ޓްވީޓެއް ވެސް ކުރައްވައިފައެވެ.

ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ލަފާ ކުރެވޭ ގޮތުގައި އޭނާ ވަނީ ހިއުމަން ޓްރެފިކް ކުރާ މީހެއްގެ އަތް ދަށުވެފައި ކަމަށެވެ. އަދި އޭނާއާ ބެހޭ މައުލޫމާތެއް ހިއްސާ ކޮށްދޭ މީހަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ނިންމައިފި ކަމަށެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާ ގެއްލުނީ 13ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދަށް ފަހުގައެވެ. އޭނާ ގެއިން ނުކުމެގެން ފަތިސް ނަމާދަށް ދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކަށް ވެސް އަރައިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާއާއެކު ކޮންމެ ރެޔަކު ވެސް ނަމާދަށް ދާ އެހެން މުވައްޒަފަކު ވަނީ އޭނާ ފެނޭތޯ މިސްކިތުގައި ވެސް މަޑުކޮށްފައެވެ. ނަމަވެސް އޭނާ އެ ރޭ ނުފެންނަކަމަށް އެ މުވައްޒަފާ ހަވާލާދީ އެ މީހާ ކިޔައިދިނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އަދި އިމިގްރޭޝަންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އަލް އަމީން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާއަކީ ދިވެހީންނާ ވެސް ވަރަށް ގުޅިގެން އުޅޭ މީހެއް ކަމަށް އެނގިފައިވެއެވެ. މިހާތަނަށް އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާއިރު ފޯނު ވެސް އޮތީ ނިއްވައިލައިފައެވެ.