ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގަތުމުން ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ލައިންތައް ފަޅާލައި ފުލުހުންނަށް ހަމަލަދޭން މަސައްކަތް ކުރި މީހުންގެ ފޮޓޯ އާއި ވީޑިއޯތަކުގެ ފޮރެންސިކް އެނަލިސިސް އެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިއަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ދެވެން އޮންނަ ސަރަހައްދުތައް ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ލައިންތައް ފަޅާލުމަށްފަހު ވަދެ، ބައެއް މީހުން ފުލުހުންނަށް ލަކުޑިފައްޗާއި އެސްލޯންހޮޅި އަދި ގައު ފަދަ ތަކެތިން ހަމަލާދީފައިވާ ކަމަށެވެ.
"ފުލުހުންގެ ލައިންތައް ފަޅާލާ ފުލުހުންނަށް ހަމަލާދޭން މަސައްކަތްކުރި މީހުންގެ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފުޓްއޭޖްތައް އެބަހުރި. އެއެއްޗެހި ބޭނުންކޮށްގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފޮޓޯއާއި ވީޑިއޯތައް އެނަލައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މިމައްސަލާގައި މިހާތަނަށް ފުލުހުން ހައްޔަރުކުރި މީހުންގެ އިތުރުން، އެކަމުގައި ޝާމިލްވާ އިތުރު ފަރާތްތައް ހޯދައި، އެފަރާތްތަކުގެ ވެސް މައްސަލަތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު މާލެތެރޭގައި އެމްޑީޕީން ކުރި މުޒާހަރާތަކުގައި 14 ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ސީރިއަސް އަނިޔާއެއްވި ފުލުހަކު ވަނީ އިތުރު ފަރުވާދިނުމަށް ސްރީލަންކާއަށް ފޮނުވާފަ އެވެ.