15 Nov 2021, 10:35
ނިމިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޝާ އަލޮމް މިއާ (ސާލިމް)ގެ އަތް ބިނދިއްޖެއެވެ.
ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނީ އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރެވެ. އޭނާގެ މަރުގެ މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރު ކުރީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް އެކަންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ސާލިމް ޖަލު ގޮޅީގެ ފާހާނައިގައި އުޅެނިކޮށް ލިބުނު އަނިޔާއަކަށް މި މަހު ހަތްވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ދޫކޮށްލައިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިހާރު ސާލިމްގެ ހާލު ކިހިނެއް ކަމެއް ފުލުހުން ނުބުނެއެވެ.
މަހުމޫދުގެ މަރަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފުލުހުން މިހާތަނަށް ނޫސްވެރިންނާ ބައްދަލުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން މިކަމާ ގުޅިގެން މިހާތަނަށް ނެރިފައިވަނީ އެންމެ ނޫސްބަޔާނެކެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ސާލިމް ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކޮށް މައްސަަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލައިފައިވަނިކޮށް ހޯދައިފައިވާ ކަމަށެވެ. އަދި އެތަކެތި ތަހުލީލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މަހުމޫދު މަރާލުމުގައި ސާލިމްގެ އިތުރުން އިތުރު މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުުން އޮތްކަމަށް ކުރެވުނު ތަހުގީގުން ފާހަގަ ނުކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.