15 Nov 2021, 10:04
ސަރުކާރުގައި އުފައްދައިފައިވާ ސިޔާސީ މަގާމުތައް މަދުކޮށް، އެ ކަމަށް ކުރާ ހޭދަ ކުޑަކުރުމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ގޮވައިލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ ސަރުކާރުން ހުށަހަޅައިފައިވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރި ބަޖެޓެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ބަޖެޓުގައި ބޮޑު އަދަދެއް ޖެހި ކަމުގައިވީނަމަވެސް، ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް މާ ބޮޑު ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ބަޖެޓު ތަންފީޒު ނުކުރެވި، ގިނަ މަޝްރޫއުތަކެއް ނުފެށި ވާ ކަން ފާހަގަކުރެއްވިއެވެ.
މިކަން ހައްލު ކޮށް، ދައުލަތް ހިންގުމަށް ޓަކައި އިގްތިސޯދީ ބިންގާ ފުޅާ ކުރަން ޖެހޭކަން ފާހަގަކުރައްވައި ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު ބަރޯސާވަނީ ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ މި ދެ ސިނާއަތަށް ލޮޅުމެއް އަރާ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސޯދު ފުނޑިގެން ދާ ކަމަށެވެ.
" އަޅުގަނޑުމެންނަށް މި ކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެން ހިނގައްޖެ ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާލަތުގައި، އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔައީ ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ހީނަރުކަމާއެކުގައި ރާއްޖޭގެ އިގްތިސޯދުގެ ދުވެލި މަޑުވެ، ދިވެހިރާއްޖޭގެ އިގްތިސޯދު ފަހަތަށް ޖެހި، އަޅުގަނޑުމެން ދަރަނިވެރިވުމާ ގާތަށް ދާން ޖެހުނުކަން." ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ފާހަގަވާ އަނެއް ކަމަކީ ދައުލަތުގެ ހޭދަކުޑަ ކުރަން ޖެހޭ ކަން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ހަރަދު ބޮޑުވާ އެއް ކަމަކީ ސިޔާސީ މަގާމު ގިނަވުން ކަން ފާހަގަކުރެއްވިއެވެ.
"2019 ވަނަ އަހަރަށް ބަލާލާއިރުގައި 689 ސިޔާސީ މަގާމު އުފެދިފައިވޭ، 2022 ވަނަ އަހަރަށް ބަލާލާއިރުގައި އަޅުގަނޑުމެންނަށް 1039 ސިޔާސީ މަގާމު އުފެދިއްޖެ، އޭގެ މާނައަކީ 42 ސިޔާސީ މަގާމު އިތުރުވެގެން ދިޔަ ކަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ރ. އުނގޫފާރު ހޮސްޕިޓަލު ހިންގުމަށް ހިނގާ ހަރަދަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން އެބަ ޖެހޭ ސިޔާސީ މަގާމުތައް މަދުކޮށް، އެހެނިހެން ކަންކަމަށް ކުރަން ޖެހޭ ޙޭދަ ބޮޑު ކުރަން،" ނާޒިމް ވިދާޅުވިއެވެ.
ހަމައެހެންމެ ބަޖެޓުގައި ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން އާމްދަނީ ހޯދުމަށް އޮތުމުން، ނާޒިމް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.